އޮލިމްޕަސް

އޮލިމްޕަސް ކުއްޔަށް ހިފަން ހުޅުވާލައިފި

އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބާއްވަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން އެޑްވާންސް ބުކިން ހެދުމަށް ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ހުޅުވާލައިފި އެވެ.

އެންސީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އޮލިމްޕަސް ކުއްޔަށް ހިފުމަށް ބުކިން ހެދުމަށް ވަކި ތާރީހު ތަކެއް ދީފަ އެވެ. އެގޮތުން އަންނަ މަހު 15 އިން ފެށިގެން ޕްރެކްޓިސް ރޫމްތައް ބުކް ކުރެވޭނެ އެވެ. އަދި ހަމަ އެތާރީހުން ފެށިގެން އޮލިމްޕަސް ހޯލު ވެސް ބުކް ކުރެވޭނެ އެވެ.

ޕްރެކްޓިސް ރޫމް ކުއްޔަށް ހިފުމުގެ އުސޫލުގައިވާ ގޮތުން ޕްރެކްޓިސް ރޫމް ބޭނުންކުރުމުގެ ހުއްދަ ދެނީ މެންދުރުފަހު 2:00 އާއި މެންދަމު 12:00އާ ދެމެދު އެވެ. އަދި ހުކުރު ދުވަހުނަމަ ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ދެމެދު އެވެ.

ޕްރެކްޓިސް ރޫމް އެއްފަރާތަކަށް އެއްފަހަރާ ދޭނީ ގިނަވެގެން ދެ ގަޑި އިރަށް ޖެހިޖެހިގެން 14 ދުވަހަށެވެ. އަދި އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އިތުރުކޮށްދެވޭނީ އެހެންފަރާތަކުން ބުކްކޮށްފައި ނުވާނަމަ އެވެ.

ފިލްމު ސްކްރީން ކުރުން ނޫން ގޮތަކަށް އޮލިމްޕަހުގެ ހޯލު ބޭނުންކުރެވެނީ ހެނދުނު 8:00 އިން މެންދަމު 12:00 އާ ދެމެދު އެވެ. އަދި ފިލްމު ނުވަތަ ޝޯއެއްނަމަ، އެޝޯ ނިމެންދެނެވެ. ރޭގަނޑުގެ ވަގުތުގައި ދެ ފިލްމެއް ނުވަތަ ދެ ޝޯ އެއް ކުރިއަށް ގެންދާނަމަ ދެވަނަ ކަމެއް ލަސްވެގެން ރޭގަނޑު 11:00 ޖަހަންވާއިރަން ފަށަންޖެހޭނެ ކަމުގައިވެސް އުސޫލުގައި އޮވެ އެވެ.

އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލިއިރު ކޮވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރަންޖެހުނު ވަގުތުގައި ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށްވެސް ނިންމާފައިވެ އެވެ.

އޮލިމްޕަސް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ފިލްމީ ދާއިރާގެ މީހުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމަހު އޮލިމްޕަސް ހުޅުވާނެ ކަމަށް މިދިޔަ މަހު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ކުރިން ވިދާޅުވެފައިވެ އެވެ.