އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ތުހުމަތު ކުރެވޭ ފަލަސްތީން މީހުންގެ ގެތައް ހަލާކުކޮށްލުމަށާއި، އެފަދަ ފަރާތްތަކުގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކުގެ ސިއްހީ އިންޝޫރަންސާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ކަނޑާލުމަށާއި އަދި އިޒްރޭލުގެ އާންމުންނަށް ފަސޭހައިން ބަޑި ގަތުމާއި ގެންގުޅުމަށް ފަސޭހަ ގޮތްތަކެއް ހޯދުމުގެ ގޮތުން، މައްސަލަ ބޮޑު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިއުލާން ކޮށްފަ އެވެ.
ބޮޑުވަޒީރު ނަތަންޔާހޫ މިފިޔަވަޅުތައް އަޅަން ނިންމެވީ ހިފާފައިވާ ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ދެ ބމީހަކު ބަޑިޖެހުމުގެ ހާދިސާތަކެއް ހިންގައި އިޒްރޭލުގެ ހަތް މީހަކު މަރާލައި ފަސް މީހަކު ޒަހަމްކޮށްލުމާ ގުޅިގެންނެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ މިފިޔަވަޅުތައް އަޅަން ނިންމެވީ ގާނޫނުތަކާ ހިލާފަށް އާބާދުކުރަމުންދާ ޔަހޫދީ އާބާދީތައް އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.
އިޒްރޭލުން މިފިޔަވަޅުތައް އަޅާފައި މިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ބްލިންކަންގެ ދަތުރުފުޅެއް އިޒްރޭލަށް ކުރެއްވުމުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ.
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިޒްރޭލުން ހިންގާ ހަރަކާތްތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދެކޮޅެވެ.
އިޒްރޭލުގެ ސަރުކާރުން ތުހުމަތުކުރާ ފަލަސްތީނު މީހުންގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކާއި ސިއްހީ ޚިދުމަތްތައް ހުއްޓާލުމަށް ނިންމާފައިވާއިރު، އިޒްރޭލުން ހަތިޔާރު ހޯދުމުގެ މަސައްކަތްތަކަށާއި ގާނޫނާ ހިލާފަށް ހަތިޔާރު އެއްކުރުމަށް، މިފިޔަވަޅުތަކުގެ ސަބަބުން ފަސޭހަވެގެންދާނެ އެވެ.
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ ހަމަނުޖެހުން ބޮޑުވެފައިވަނީ އިޒްރޭލުގެ އަމަލުތަކާ ހެދި ކަމަށެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކަންގެ ދަތުރުފުޅު އައުމުގެ ދުވަސްކޮޅެއް ކުރިން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާފައިވާ ހަމުނުޖެހުން ބޮޑުވެދާނެ އަނިޔާވެރި އަމަލުތަކަކީ މިފަހުގެ ތާރީހެއްގައި ހިފާފައިވާ ފަލަސްތީނު ބިމުގައި އަދި އިޒްރޭލުގައި މިފަދަ ލޭއޮހުރުވާލުމުގެ އަމަލުތައް އިތުރުކޮށް މަސްދުވަހުގެ ތެރޭގައި ހިންގި އެންމެ އަނިޔާވެރި އަމަލުތަކެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ ކަނާތު ފިޔައިގެ ހަރުކަށި ސަރުކާރުން އިސްކަންދޭ ކަންކަމުގެ ތެރޭގައި ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހުގެ ބާރުތައް ވަރުގަދަ ކުރުމާއިއެކު އިންތިހާބަކުން ނޫން ގޮތުގައި ތިއްބެވި ފަނޑިޔާރުންނަށް އާދަޔާ ހިލާފް ބާރުތައް ދޭން ނިންމާފައިވެ އެވެ.
މިމައްސަލާގައި އިޒްރޭލުގައި ބައިބައިވުން އުފެދި ހަޅުތާލުތައް ކުރަންވެސް ވަނީ ފަށާފަ އެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި މި ބާރުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބާރުތައް ކެނޑި އިޒްރޭލުގެ ޑިމޮކްރަސީ ބަލިކަށިވެގެންދާނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓެލްއަވީވްގެ މައި ސިޓީގައި އިޒްރޭލުގެ އެތައްހާސް ބަޔަކު މަގުމައްޗަށް ނިކުމެ އިޒްރޭލުގެ ދިދަ އުފުލައިގެން ހަޅުތާލުކޮށްފައިވެ އެވެ. މި ހިނގާލުންތަކުގައި ބަޑިޖެހި ހާދިސާގައި މަރުވި ފަރާތްތަކުގެ ހަނދާނުގައި ހިމޭންކަމުގެ ވަގުތުކޮޅެއްވެސް ގެނެސްފައިވެ އެވެ.
ޖެރޫސަލަމްގެ ޔަހޫދީ ފައްޅިއެއްގައި ހުކުރު ދުވަހު ދިން ހަމަލާ އައިސްފައިވަނީ އިޒްރޭލުގެ މިލިޓަރީ ސިފައިން ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕްގައި ފަލަސްތީނުގެ ނުވަ މީހަކު މަރާލިތާ ޖެހިގެން އައި ދުވަހު އެވެ.
ހުޅަނގު އައްސޭރީގައި މިމަސް ފެއްޓުނު ފަހުން މިހާތަނަށް ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.
ފަލަސްތީނު މީހުން ދެކޭ ގޮތުގައި އިޒްރޭލުގެ މި އަނިޔާވެރި އަމަލުތަކަކީ މިދިޔަ 55 އަހަރުގެ ތެރޭގައި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިތުރަށް އަތްގަދަކުރުމަށް ހިންގާ ހަރަކާތްތަކެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރި އިޒްރޭލުން ހިފާފައިވަނީ 1967 ގައި ހިންގި އަރަބް އިޒްރާއީލީ ހަނގުރާމައިގަ އެވެ. މީގެ ތެރޭގައި ގާޒާ ވެސް ހިމެނެ އެވެ. މުޅި ގާޒާ އާއި އިރުމަތީ ޖެރޫސަލަމް، 2005 އިން ފެށިގެން އިޒްރޭލުން އަންނަނީ ބަންދުކޮށްލައިގެން ގެންގުޅެމުންނެވެ.
އެއިގެ ފަހުން އިޒްރޭލުން މިހާތަނަށް ވަނީ 500،000 މީހުން ގާނޫނުތަކާ ހިލާފަށް އާބާދުކުރުވައި ހުޅަނގުއައްސޭރީގެ އެކި ސަރަހައްދުތަކުގައި 130 އަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާފަ އެވެ. މިކަމަކީ ފަލަސްތީނާއި އަދި ބައިނަލްއަގުވާމީ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ސުލްހައަށް އޮތް ބޮޑު ހުރަހެކެވެ.