ޕާކިސްތާން

ޕާކިސްތާނުގެ ތާލިބާން ލީޑަރު ފަޒުލުﷲ މަރާލައިފި

ޕާކިސްތާނުގައި އޮންނަ ހައްދުފަހަނައަޅާފައިވާ ޖަމާއަތް ކަމުގައިވާ ތާލިބާންގެ ލީޑަރު މުއްލާ ފަޒުލުﷲ މަރާލައިފި އެވެ.

ޕާކިސްތާނުގެ ހަބަރުތައް ބުނާގޮތުގައި އޭނާ މަރާލާފައިވަނީ ޕާކިސްތާން އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އަފްޣާނިސްތާނުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ޑްރޯން ހަމަލާއެއްދީފަ އެވެ. ނމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ތާލިބާނަކީ ޕާކިސްތާނުގައި ދޭ ގިނަ ބޮޑެތި ޓެރަރިސްޓު ހަމަލާތަކުގެ ފަހަތުގައި ތިބޭ ޖަމާއަތެކެވެ. އެގޮތުން ދާދި ފަހުން ޕިޝާވަރު އަސްކަރީ ސްކޫލަށް ދިން ހަމަލާއާއި ބަޗާ ހާން ޔުނިވާސިޓީއަށް ދިން ހަމަލާ ފާހަގަ ކޮށްލެވެ އެވެ.

ތާލިބާނުން މިހަމަލާތައް ދިނުމާއެކު އެގައުމުގެ އަސްކަރިއްޔާއިން ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކޮށް އެޖަމާއަތާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ.

މީގެކުރިންވެސް ފޒުލުﷲ މަރާލި ކަމަށް ޕާކިސްތާނު މީޑިއާ ތަކުން ހަބރު ފަތުރާފައިވެ އެވެ. އެހެން ނަމަވެސް އެޖަމާއަތުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެއީ 2010 އަދި 2014 ވަނަ އަހަރެވެ.