ފިނިޕޭޖް

"ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" މާޗުގައި ރިލީޒްކުރަނީ

ވޯނާ ބްރަދާސް އަދި ޑީސީ އެކްސްޓެންޑަޑް ޔުނިވާސްގެ "ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" މިއަހަރުގެ މާޗް 17 ވަނަ ދުވަހު އެމެރިކާ އާއި އެކު އިންޑިއާގައި ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

ހެންރީ ގޭޑަން ލިޔެ، ޑޭވިޑް އެފް ސޭންޑްބާގް ޑައިރެކްޓްކުރި މި ފިލްމަކީ 2019 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ޝަޒާމް!"ގެ ދެވަނަ ބައެވެ. "ޝަޒާމް!" ވެސް ޑައިރެކްޓްކޮށްފައިވަނީ ޑޭވިޑް އެވެ.

މި ފިލްމްގައި ޝަޒާމްގެ ރޯލް ކުޅުނީ ޒެކަރީ ލީވައި އެވެ. އަދި ޝަޒާމްގެ 14-އަހަރުގެ އޯލްޓާ-އީގޯ ބިލީ ބެޓްސަންގެ ރޯލް ކުޅުނީ އޭޝަ އޭންޖަލް އެވެ.

މީގެ އިތުރުން ޖެކް ޑިލަން ގްރޭޒާ، އެޑަމް ބްރޯޑީ، އިޔާން ޗެން، ރޮސް ބަޓްލާ، މާކް ސްޓްރޯން، ޖައިމަން ހޮންސޫ، ފެއިތް ހާމަން، ގްރޭސް ފުލްޓަން އާއި އިތުރު ތަރިން މި ފިލްމުގައި ހިމެނުނެވެ.

"ޝަޒާމް! ފިއުރީ އޮފް ދަ ގޯޑްސް" ގައި ފުރަތަމަ ފިލްމުގެ ކެރެކްޓާތަކުގެ އިތުރުން އާ ކެރެކްޓާތަކެއް ތައާރަފްވާއިރު، މި ކެރެކްޓާތައް ކުޅެނީ ހެލަން މިރަން، ލޫސީ ލިއު އަދި ރޭޗަލް ޒީގްލާ އެވެ. މިގޮތުން ހެލަން، ލޫސީ އަދި ރޭޗަލް އަކީ އެޓްލަސްގެ ދަރިންނެވެ. އަދި މި ފިލްމުގައި ފެންނާނީ ބިލީ އާއި އޭނާގެ ސުޕަހީރޯސް އަށް ބަދަލުވާ ފޯސްޓާ ބްރަދާސް އަދި ސިސްޓާ، އެޓްލަސްގެ ދަރިންނާ ހަނގުރާމަ ކުރަންޖެހޭ ތަނެވެ.

ޝަޒާމްއަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި އެޓްލަސްގެ ބުންވަރު ހިމެނެ އެވެ. ޝަޒާމްއަށްވެސް އޭނާގެ ބާރުތައް ލިބެނީ ބްލެކް އެޑަމްއަށްވެސް ބާރު ލިބޭ ތަނުންނެވެ.