ފިނިޕޭޖް

"އަ ސިމްޕަލް ފޭވާ"ގެ ސިކުއެލް ހަދަނީ

އެމެޒޯން ސްޓޫޑިއޯސް އާއި ލަޔަންސްގޭޓުން 2018 ގައި ނެރުނު "އަ ސިމްޕަލް ފޭވާ"ގެ ސިކުއެލް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ބްލޭކް ލައިވްލީ އާއި އަނާ ކެންޑްރިކް ކުޅުނު "އަ ސިމްޕަލް ފޭވާ" އަކީ ސަސްޕެންސް / ޑާކް ކޮމެޑީ އެކެވެ.

މި ފިލްމްގައި ހެންރީ ގޯލްޑިން، އެންޑްރޫ ރަނެލްސް، ލިންޑާ ކާޑިނޭލީ، ޑަސްޓިން މިލިގަން އަދި ޖީން ސްމާޓް ހިމެނެ އެވެ.

ގާތްގަނޑަކަށް "އަ ސިމްޕަލް ފޭވާ"ގެ ހުރިހާ ކާސްޓް މެންބަރުން ސިކުއެލްގައި ފެންނާނެ ކަމަށް މަސްދަރަކުން މައުލޫމާތު ދެއެވެ.

އަނާ ކެންޑްރިކް "އަ ސިމްޕަލް ފޭވާ" ގައި އަދާކުރީ މަމީ ވްލޮގާ ސްޓެފަނީގެ ރޯލެވެ. އަދި އޭނާގެ ބެސްޓްފްރެންޑް އެމިލީ ގެއްލިގެން އެކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރެ އެވެ.

ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު، ޕޯލް ފޭގް ޑައިރެކްޓް ކުރާ މި ސިކުއެލް ލިޔަނީ ހަމަ ފުރަތަމަ ފިލްމުގެ ރައިޓާ ޖެސިކާ ޝަޒާ އެވެ.

"އަ ސިމްޕަލް ފޭވާ" އަކީ 2017 ގައި ޑާސީ ބެލް ލިޔުނު ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ.

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 97 މިލިއަން ޑޮލަރު ލިބިފަ އެވެ.

މި ފިލްމްގެ ސިކުއެލް ސެޓްކޮށްފައިވަނީ އިޓަލީގެ ކެޕްރީގަ އެވެ. އަދި އޮކްޓޯބަރު ހިސާބުގައި ޝޫޓިން ފަށާނެ ކަމަށް ލަފާކުރެވެ އެވެ.