ރިޔާސީ ބަޔާން

މަޖިލިސް ހުޅުވާތީ ފެބްރުއަރީ ހައެއް ބަންދު

Jan 29, 2023

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ ހައެއްވާ ހޯމަ ދުވަހު އެވެ.

އެ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އޮންނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ. މިއީ ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުގައި އިއްވާނެ ފަހު ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ތައްޔާރުވަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީ ވަނީ މުޅިން ދެބައިވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ތާއީދުކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށެވެ. އެކަމަކު މަޖިލީހުގެ ގިނަ މެންބަރުން ތިއްބެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު އެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް މިހާރު ވަނީ ރައީސް ސޯލިހަށް ކަށަވަރުވެފަ އެވެ.