ކުޅިވަރު

ބްރައިޓަން އަތުން ބަލިވެ އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން 1-2 އިން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ.

ލިވަޕޫލް އަކީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަނުންނެވެ. އަދި، މިދިޔަ ސީޒަނުގައި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ލިވަޕޫލް ހޯދި އެވެ. އެކަމަކު މި ސީޒަނުގައި ލިވަޕޫލްގެ ކުޅުން ދަށްވެ އެ ދެ މުބާރާތުން ވެސް ވަނީ ކަޓައިފަ އެވެ.
ލީގުގައި ނުވަ ވަނައިގައި އޮތްއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހެނީ ޗެމްޕިއަން ރެއާލް މެޑްރިޑާ އެވެ.

ބްރައިޓަން އިން ވަނީ މި މަހު ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލް ބަލިކޮށްފަ އެވެ. މިރޭގެ މެޗުގައި ވެސް ބްރައިޓަން އިން ވަނީ މޮޅު ކުޅުމެއް ދައްކައި ލިވަޕޫލަށް ނުރައްކާކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު މުހައްމަދު ސަލާހް ދިން ބޯޅައަކުން 30 ވަނަ މިނެޓުގައި ޖެހީ ހާވީ އެލިއޮޓް އެވެ. އެކަމަކު އޭގެ ނުވަ މިނެޓު ފަހުން ބްރައިޓަންގެ ލެވިސް ޑަންކް ވަނީ ބްރައިޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ބްރައިޓަންގެ ތާރިގް ލަމްޕްޓީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޑަންކްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.

ބްރައިޓަން މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޖަޕާނުގެ ހުނަރުވެރި ކުޅުންތެރިޔާ ކައޮރޫ މިޓޯމާ އެވެ. އުމުރުން 25 އަހަރުގެ ފޯވާޑް ޖެހި މި ގޯލަކީ މި ސީޒަނުގައި ފެނުނު އެންމެ މޮޅު އެއް ގޯލެވެ. މި ސީޒަނުގައި ބްރައިޓަންގެ ޓީމުން ޖާގަ ހޯދައި، މިޓޯމާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގެ ގުރު ނެގުން އޮންނާނީ މާދަމާ އެވެ. މުބާރާތުން ކެޓި މަޝްހޫރު ޓީމުތަކުގެ ތެރޭގައި ލިވަޕޫލްގެ އިތުރުން އާސެނަލް އާއި ޗެލްސީ ހިމެނެ އެވެ. ޗެލްސީ އާއި އާސެނަލް ވެސް ކެޓީ މެންޗެސްޓާ ސިޓީ އަތުން ބަލިވެގެންނެވެ.