ފިނިޕޭޖް

"ޑަންޖަންސް އެންޑް ޑްރޭގަންސް"ގެ އާ ފިލްމެއް

"ޑަންޖަންސް އެންޑް ޑްރޭގަންސް" އަކީ 1974 ގައި ނެރުނު ވަރަށް މަގުބޫލުވި ރޯލް-ޕްލޭ ހަދާ ޓޭބަލް-ޓޮޕް ގޭމެކެވެ.

މި ގޭމަށް ބިނާކޮށް 2000 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް ތިން ފިލްމެއް ހަދާފައިވެ އެވެ.

ޕެރެމައުންޓް ޕިކްޗާސް އިން "ޑަންޖަންސް އެންޑް ޑްރޭގަންސް: އޮނާ އެމޯން ތީވްސް"ގެ ނަމުގައި މި ފިލްމުގެ ރީބޫޓެއް ހެދުމަށްފަހު ކުރިއަށް އޮތް މަހު ރިލީޒްކުރަން މިހާރު ވަނީ ނިނމާފަ އެވެ.

"ޑަންޖަންސް އެންޑް ޑްރޭގަންސް" ކޮންމެ ފިލްމެއް ފަދައިން ރީބޫޓްގައިވެސް ހިމެނެނީ އާ ކެރެކްޓާތަކަކާއި ޕްލޮޓެކެވެ.

މި ފިލްމްގައި މައި ރޯލް އަދާކުރަނީ ކްރިސް ޕައިންނެ އެވެ. ކްރިސްގެ އިތުރުން މިޝޭލް ރޮޑްރިގޭޒް، ރެޖޭ-ޖޯން ޕޭޖް، ޖަސްޓިސް ސްމިތް، ސޯފިއާ ލިލިސް، ހިއު ގްރާންޓް، ޑެއިޒީ ހެޑް، ކްލޮއީ ކޯލްމަން އަދި ޖޭސަން ވޮން ފަދަ ތަރިން ހިމެނެ އެވެ.

"ޑަންޖަންސް އެންޑް ޑްރޭގަންސް"ގެ ވެބް ސީރީޒް "ކްރިޓިކަލް ރޯލް"ގެ ބައެއް ކާސްޓް މެންބަރުން ކެމިއޯ ރޯލުން ފެންނާނެ އެވެ.

މި ފިލްމުގައި ފެންނާނީ ވަގުންތަކެއް ގެއްލިފައިވާ ރެލިކްއެއް ވަގަށް ނެގުމަށް އުޅުމުގެ ތެރޭގައި ނުރައްކާތެރި ބަޔަކާ ކުރިމަތިލާންޖެހޭ މަންޒަރެވެ. އަދި ދުނިޔެ ވަރަށް ބޮޑު ނުބައިކަމަކުން ސަލާމަތްކުރުމަށްޓަކައި އެހެން ރެއަލްމްއަކަށް ދަތުރުކޮށް، މަސައްކަތްކުރާ ތަނެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރު ތިންމަސް ދުވަހަށް އައިސްލޭންޑް އާއި ނޯދަން އަޔަލޭންޑްގަ އެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޖޮނަތަން ގޯލްޑްސްޓީން އާއި ޖޯން ފްރެންސިސް ޑޭލީ އެވެ.

"ޑަންޖަންސް އެންޑް ޑްރޭގަންސް: އޮނާ އެމޯން ތީވްސް" އަށް ސްޕިން-އޮފް ސީރީޒެއްވެސް ޕެރަމައުންޓް ޕްލަސް އިން ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. މި ސީރީޒްގައި ހިމެނެނީ އަށް އެޕިސޯޑެވެ.