ކުޅިވަރު

ރެއާލް އެއްވަރުވެ ލީގު ރޭހުގައި ފަހަތަށް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ 0-0 އިން އެއްވަރުވެ ލީގު އެއްވަނައިގައި އޮތް ބާސެލޯނާއާ ގާތްކުރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާ ވަނީ ރަށުން ބޭރުގައި 1-0 އިން ޖިރޯނާ ބަލިކޮށްފަ އެވެ. ހަނި މޮޅާ އެކު ރެއާލް މެޗުގެ ކުރިން ބާސެލޯނާ އިން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ރޭގެ މެޗުން މޮޅުވެގެން ރެއާލަށް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރެވުނީހެވެ. އެކަމަކު އެއްވަރުވުމުން މިހާރު ދެޓީމުގެ މެދުގައި ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ބާސެލޯނާ އެއްވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލަށް 18 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑް އޮތީ 39 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. ރެއާލް އަތުން މޮޅުވި ނަމަ ސޮސިއެޑާޑަށް ލީގުގެ ދެވަނަ އަށް ކުރިއަށް ޖެހިލެވޭނެ އެވެ.

ރޭގެ މެޗުގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތުތައް ލިބުނީ ރެއާލްގެ ވިނީޝަސް ޖޫނިއާ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ހަތަރު ހަމަލާގެ ތެރެއިން ތިން ހަމަލާ ސޮސިއެޑާޑްގެ ގޯލްކީޕަރު އަލެކްސް ރެމީރޯ ވަނީ މަތަކޮށްފަ އެވެ. ރެއާލް ހުއްޓުވުމުގައި ރޭ ރެމީރޯ މޮޅު ކުޅުމެއްދެއްކި އެވެ.

ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 1-0 އިން އޮސަސޫނާ ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ގޯލު އެތުލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ސައުލް ނިގޭޒް އެވެ.

19 މެޗުން ހޯދި 34 ޕޮއިންޓާ އެކު އެތުލެޓިކޯ އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ.