ފިނިޕޭޖް

"24"ގެ އޭން ވާޝިން 45 އަހަރުގައި މަރުވެއްޖެ

"24" ސީރީޒްގައި އެފްބީއައި އޭޖެންޓް ރިނޭ ވޯކާގެ ރޯލު އަދާކުރި އެކްޓްރަސް އޭން ވާޝިން މަރުވެއްޖެ އެވެ.

އޭން މަރުވެފައިވަނީ ކެންސަރާ ހަނގުރާމަކުރުމަށްފަހު ކަމުގައި އޭނާގެ ޕަބްލިސިސްޓް ދިން ބަޔާނެއްގައި ބުންޏެވެ. އޭން އާދިއްތަ ދުވަހު މަރުވިއިރު އޭނާގެ އުމުރަކީ 45 އަހަރެވެ.

އޭންގެ ފިރިމީހާ އަދި ތިން ކުދިންގެ ބައްޕަ ސްޓީވަން ފުލް ބުނީ މިއަދު މުޅި އާއިލާ ތެރޭގައި ބޮޑު ހޮހޮޅައެއް ހެދިފައިވާ ކަމަށާއި އެހެންނަމަވެސް، އެ ހޮހޮޅަ ފުރާލާނެ ގޮތް ބުނެދީފައި ދިޔަ ކަމަށެވެ. އަދި އޭންއަކީ ކުދިކުދި ކަންތައްތަކުންވެސް އުފާ ހޯދި އަންހެނެއް ކަމަށާއި ބޮޑެތި ކަންތައްތަކާ ވެސް ކުރިމަތިލުމަށް ދަސްކޮށްދިން މީހެއް ކަމަށް ސްޓީވަން ބުންޏެވެ.

އޭންއަށް ކެންސަރު ޖެހުނު ކަމަށް ޑައިގްނޯޒްވެފައިވަނީ 2020 ގައެވެ. ކެންސަރަށް ޑައިގްނޯސްވުމަށްފަހު ވެސް އޭން ވަނީ އެކްޓްކުރުމުން ކުރިއަށް ގޮސްފަ އެވެ.

އޭންގެ އެކްޓިން ކެރިއަރުގައި "24"، ޖެނެރަލް ހޮސްޕިޓަލް"، "ޓައިމްލެސް"، "ބޯޝް"، "ރަންއަވޭޒް"، "ދަ ވެމްޕަޔާ ޑައިރީޒް"، "ދަ ރޫކީ" އަދި "ސްޓާ ޓްރެކް: ޕިކާޑް" ފަދަ ފިލްމުތަކާއި ސީރީޒްތައް ކުޅެފައިވެ އެވެ. މީގެ އިތުރުން "ދަ ލާސްޓް އޮފް އަސް" އަދި "އެންތަމް" ވީޑިއޯ ގޭމް އަށް އަޑު އަޅާފައިވެ އެވެ.