ދުނިޔެ

އީރާނުގެ އަސްކަރީ މަރުކަޒަށް ދިން ޑްރޯން ހަމަލާގައި ބައިވެރިއެއް ނުވަން: އެމެރިކާ

އީރާނުގެ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާތަކުގައި އެއްވެސް ގޮތަކަށް ބައިވެެރިނުވާ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާއިން މިހެން ބުނީ ހަމަލާތަކުގެ ފަހަތުގައި އެމެރިކާ އޮންނާނެ ކަމަށް ބުނެ އީރާނުން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތިން ޑްރޯނެއް ބޭނުންކޮށްގެން -- އީރާންގައި ޑްރޯން އާއި ރޮކެޓްގެ ބައިތައް އުފައްދާ އަސްކަރީ ކާރުޚާނާއަކަށް -- ހަމަލާދިނުމަކީ އިޒްރޭލުގެ ރޭވުމެކެވެ.

އިޒްރޭލުން ރާވައިގެން ހިންގާ ޓެރަރިސްޓް ހަމަލާތަކަށް ގޮތްފޮތް ކިޔައި ކަންކުރާނެ ގޮތް ބުނެދިނުމުގައި އެމެރިކާ އަބަދުވެސް އޮވެ އެވެ. އެހެން ނަމަވެސް މިހަމަލާގައި އެމެރިކާ ބައިވެރިވި ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ގައުމުން ވަނީ ދޮގުކޮށްފަ އެވެ.

އީރާންގެ އިސްފަހާންގައި ހުންނަ އަސްކަރީ މަރުކަޒަކަށް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ޑްރޯން ހަމަލާތަކެއް އަމާޒުވި ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ވަނީ އެއްބަސްވެފަ އެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އީރާންގެެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ޕްލާންޓްތަކަށް ވަރުގަދަ ހަމަލާތަކެއް ފަހަކަށް އައިސް ވަނީ ދީފަ އެވެ. މިފަދަ ހަމަލާތައް އީރާނަށް ދޭ ބަޔަކީ ތެހެރާން ގަބޫލުކުރާ ގޮތުގައި އިޒްރޭލް އެވެ.

މި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.

އީރާނުން ބުނާ ގޮތުން އަސްކަރީ ކާރުޚާނާއަށް ހަމަލާދިން ނަމަވެސް ޑްރޯންތައް ވާނީ ވައްޓާލައި ހަލާކުކޮށްލާފަ އެވެ. މިއީ އީރާންގައި ހަމަޖެހުން ނަގާލަން މަސައްކަތްކުރާ މީހުންނާ ގުޅިގެން އިޒްރޭލުން ދިން ހަމަލާއެއް ކަމަށްވެސް ތެހެރާން ބުނެ އެވެ.