ފިނިޕޭޖް

ބްލޭކް ލައިވްލީ "އިޓް އެންޑްސް ވިތް އަސް" ގައި

ބްލޭކް ލައިވްލީ އާއި ޖަސްޓިން ބަލްޑޯނީ "އިޓް އެންޑްސް ވިތް އަސް" ކުޅެނީ އެވެ.

މި ފިލްމް ޑައިރެކްޓްކުރާނީ މި ފިލްމްގައި ފިރިހެން ލީޑް ރޯލްކުޅޭ ޖަސްޓިންއެވެ. އަދި ޕްރޮޑިއުސްކުރާނީ ޖަސްޓިންގެ ޕްރޮޑަކްޝަން ކޮމްޕެނީ ވޭފެއާރާ އެންޓަޓެންމަންޓާއި ސޮނީ ޕިކްޗާސް އިންނެވެ.

"އިޓް އެންޑްސް ވިތް އަސް" ބިނާކޮށްފައިވަނީ ކޮލީން ހޫވާގެ ބެސްޓް ސެލިން ވާހަކައަށެވެ. މި ވާހަކައިގެ މިލިއަނަށްވުރެއް ގިނަ ކޮޕީ ވަނީ ވިކިފަ އެވެ. މިއީ ރޮމޭންސް ވާހަކައެކެވެ.

މި ވާހަކައިގައި ލިލީ ބްލޫމް އަކީ ކޮލެޖް ނިންމުމަށްފަހު އޭނާގެ ހަޔާތުގެ ދެން އޮތް ހަރުފަތަށް ދާން މަސައްކަތްކުރާ މީހެކެވެ. އެގޮތުން މާވިއްކާ ވިޔަފާރިއެއް ފެށުމަށް ބޮސްޓަން އަށް ބަދަލުވެ އެވެ. ލިލީ، ސާޖަން އެއް ކަމުގައިވާ ރައިލް ދެކެ ލޯބިވާއިރަށް، ލިލީގެ ފުރަތަމަ ލޯބި އެޓްލަސް އަނބުރާ ލިލީގެ ހަޔާތަށް އާދެއެވެ. މި ފިލްމްގައި އެޓްލަސްގެ ރޯލް އަދާކުރާ ކާސްޓް މެންބަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ފިލްމް މިއަހަރު ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.

ބްލޭކް އަކީ "ގޮސިޕް ގާލް"، "ނިއު ޔޯކް، އައި ލަވް ޔޫ"، "ދަ ޓައުން"، "ދި އޭގް އޮފް އެޑަލިން"، "އަ ސިމްޕަލް ފޭވާ" ފަދަ ސީރީޒް އަދި ފިލްމް ކުޅެފައިވާ އެކްޓްރެސްއެކެވެ.

ޖަސްޓިން އަކީ މިއުޒިކް ވީޑިއޯ ހެދުމާއި ޑޮކިއުމެންޓަރީ އާއި ޓީވީ ފިލްމް ޑައިރެކްޓް އަދި ޕްރޮޑިއުސްކޮށްފައިވާ ތަރިއެކެވެ. މީގެ އިތުރުން ޖަސްޓިން "ވެޑިން ޑޭޒް"، "އެވާވުޑް"، "ޖޭން ދަ ވާޖިން" ފަދަ ފިލްމް އަދި ސީރީޒް ކުޅެފައިވެއެވެ.