ލައިފްސްޓައިލް

އިސްކޮޅުގައި ތިން ފޫޓު ހުރި ލޯބި ލޯބި ދެމަފިރިން

ކޮންމެ މީހަކުވެސް ހަޔާތުގެ ބައިވެރިޔަކާއެކު އުމުރު ހޭދަކުރަން ބޭނުންވާނެ އެވެ. އަދި ހިތްއެދޭ މީހަކާ އެކު ކައިވެނި ކުރެވޭ ދުވަސް ފެނުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނެކެވެ.

ހަޔާތުގެ ބައިވެރިޔަކު ހިޔާރުކުރާއިރު ބައެއް މީހުން ބޭނުންވަނީ އޭނާއާ ވީހާ ވެސް އިސްކޮޅާއި ރޫފަ އަދި ދީނާއި ނަސްލުގެ ގޮތުން ވެސް ގުޅޭ މީހަކު ހޯދާށެވެ. ހާއްސަކޮށް ހަށިގަނޑުގައި އައިބެއް ހުރެއްޖެނަމަ އެފަދަ އައިބެއް ހުރި އެހެން މީހަކު ހަޔާތުގެ ބައިވެރިޔަކަށް ލިބޭތޯ މަސައްކަތްކުރާ މީހުން ފެނެ އެވެ.

އިންޑިޔާގެ ރާޖަސްތާނުގެ ޒުވާން ފިރިހެނެއް ކަމަށްވާ ރިޝާބް ވެސް ވިސްނީ އެގޮތަށެވެ. އޭނާއަކީ އިސްކޮޅުން އެންމެ ތިން ފޫޓުގެ މީހެކެވެ. އެހެންވެ އޭނާ އަބަދުވެސް ބަލަމުން ދިޔައީ އޭނާއާ އެއް އިސްކޮޅެއްގެ ނުވަތަ ތަންކޮޅެއް އޭނާގެ އިސްކޮޅަށް ވުރެ ކުރު އަންބަކު ލިބޭތޯ އެވެ.

ރިޝާބްގެ މި މަސައްކަތް ކާމިޔާބުވެ އޭނާ ކައިވެނިކުރާނެ ތިން ފޫޓުގެ އަންބަކު މިހާރު ވަނީ ލިބިފަ އެވެ. އަދި ސާކްޝީ ނަމަކަށް ކިޔާ ޒުވާން މި އަންހެންމީހާ އާއި ރިޝާބްގެ ކައިވެނި ރާޖަސްތާނުގެ ޖޯދްޕޫރުގައި ޖެނުއަރީ 26 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. މި ކައިވެނީގެ ވީޑީއޯ އާއި ފޮޓޯތައް ސޯޝަލް މީޑީއާގައި ވައިރަލްވެ މި ދެމަފިރިންނަށް ގިނަ ބަޔެއްގެ ހެޔޮ އެދުމާއި ތަހުނިޔާ ދަނީ އޮހެމުންނެވެ. އެންމެންވެސް ގަބޫލުކުރާ ގޮތުގައި މިއީ އާދަޔާހިލާފު، އެހާމެ ގުޅޭ ޖޯޑެކެވެ.

އިސްކޮޅުން ކުރަސް ރިޝާބް އާއި ސާކްޝީ އަކީ ވަރަށް މޮޅަށް ކިޔަވައިގެން ތިބި ތައުލީމީ ދެމީހުންނެވެ. ސާކްޝީ ވަނީ ދާދިފަހުން އެމްބީއޭ ފުރިހަމަ ކޮށްފަ އެވެ. އަދި ރިޝާބް ވެސް ޑިގްރީ ނަގައި މިހާރު ވަޒީފާއެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ރިޝާބް އާއި ސާކްޝީ އެންގޭޖްވީ މިދިޔަ އަހަރު އެވެ. އަދި 'މިނީ ކަޕްލް'ގެ ނަމުގައި ސޯޝަލް މީޑިއާ އެކައުންޓެއް ހުޅުވައި ދެ މީހުންގެ ފޮޓޯތައް އަބަދުވެސް ޝެއާ ކުރަމުންދެއެވެ.