ލައިފްސްޓައިލް

މުވައްޒަފުންނަށް 61 މިލިއަން ޔުއާން ނަގުދު ފައިސާ ބަހައިފި

ޗައިނާގެ ކުންފުންޏަކުން އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް 61 މިލިއަން ޔުއާން (ގާތްގަނޑަކަށް ނުވަ މިލިއަން ޑޮލަރު)ގެ ނަގުދު ފައިސާ އަހަރީ ބޯނަސްގެ ގޮތުގައި ބަހައިފި އެވެ. ފައިސާ ބެހީ ހެނާން މައިން ކިޔާ ކުންފުންޏަކުންނެވެ.

ސްޓޭޖެއްގެ މަތީގައި ފައިސާ ބަންޑެލިތައް ބަހައްޓައިގެން މުވައްޒަފުންނަށް މި ފައިސާ ބެހި މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް އިންޓަނެޓުގައި ވައިރަލްވެ މިއީ ވަރަށް ގިނަ ބަޔަކު ހައިރާންކަމާއެކު ދައްކާ ވާހަކައަކަށް ވިއެވެ.

ޗައިނާގެ މީޑިއާއިން ބުނި ގޮތުގައި ޖެނުއަރީ 17 ވަނަ ދުވަހު މުވައްޒަފުންނަށް ފައިސާ ބެހީ ހެނާން ޕްރޮވިންސްގައި ހުންނަ ކެރޭނު ހަދާ ފެކްޓްރީއެއް ހިންގާ ކުންފުންޏަކުންނެވެ.

މި ފައިސާ ބަހަނިކޮށް ފެންނަ ފޮޓޯއާއި ވީޑިއޯ އިންޓަނެޓަށް އަޕްލޯޑް ކޮށްފައިވަނީ ވެސް އެ ކުންފުނިންނެވެ.
މި ވީޑީއޯގައި ފެންނަނީ ކުންފުނީގެ އަހަރީ ހަފުލާގައި ބަހަން ބަހައްޓާފައި ހުރި ނޫޓު ބޮނޑިތައް ސްޓޭޖް މަތީގައި ބަންޑެލި ޖަހާފައި ހުއްޓަ އެވެ.

ޗައިނާގެ ނިއުސް ޕޯޓަލް އަކުން އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މެނޭޖަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެންމެ ރަނގަޅަށް ޕާފޯމްކުރި ސޭލްސް މެނޭޖަރުންގެ ތިން މީހަކަށް ހާއްސަ އިނާމެއްގެ ގޮތުގައި ކޮންމެ މީހަކަށް ފަސް މިލިއަން ޔުއާން (737،000 ޑޮލަރު) ދީފައި ވެއެވެ. އަދި މީގެ އިތުރުން ރަނގަޅަށް މަސައްކަތްކުރިކަން ފާހަގަކުރެވުނު އިތުރު 30 މީހަކަށް އެއް މިލިއަން ޔުއާން ދީފައިވާ ކަމަށް ވެއެވެ.

މި ހަފުލާގައި އެންމެ އަވަހަށް ނޫޓު ގުނެނީ ކޮން ސޭލްސް މެނޭޖަރަކަށްތޯ ބެލުމުގެ މުބާރާތެއްވެސް ބޭއްވި ކަމަށާއި އަދި މި މުބާރާތުން ވަނަ ވަނައަށް އައި ފަރާތަކަށް ވަކިން އިނާމު ދިން ކަމަށް ވެއެވެ.

އެންމެ ރަނގަޅު އެވޯޑުތައް ލިބުނު ފަރާތްތަކަށް ލިބުނު ފައިސާގެ އިނާމު ބަރުކަމުން އެމީހުންނަށް އެކަނި ނުއުފުއްލިގެން އެހެން މީހުންގެ އެހީތެރިކަމާއެކު އެ ތަކެތި ގެންދަން ޖެހުނެވެ.

ކުންފުނީން މިހާ ގިނަ އަދަދެއްގެ ނަގުދު ފައިސާ މިގޮތަށް ބެހުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އެ ކުންފުންޏަށް އަމާޒުވި އެވެ. ފައިސާ ލިބުނު މީހުން އެ ގެންދަން އުޅުނު ހާލާއި އެ ފައިސާ ބޭންކަށް ޖަމާކުރަން އުޅެން ޖެހޭނީ ވަރަށް ހާލުގައި ކަމަށް ބުނެފަ އެވެ.

ހެނާން މެއިން އަކީ 2002 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގައި 5،100 މީހުން މަސައްކަތް ކުރެ އެވެ. މި ކުންފުނީގެ 2022ގެ ސޭލްސް ރެވެނިއު އަކީ 9.16 ބިލިއަން ޔުއާން (1.1 ބިލިއަން ޔޫއެސް ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 35 ޕަސެންޓް އިތުރުވުމެކެވެ.

ކުންފުނީގެ ފައިދާ މިހާ ބޮޑަށް އިތުރުވުމުން އެ ކުންފުނިން ވަނީ މުވައްޒަފުންގެ މުސާރަ ވެސް އަހަރަކު 30 ޕަސެންޓް އިތުރުކޮށްފަ އެވެ.