ޓެކްނޯލޮޖީ

އެޕަލްއަށް ވަޔަލެސް ޗާޖަރެއް ނުހެދުނު

އެޕަލްއަކީ ނާކާމިޔާބަށް ވުރެ ކާމިޔާބު ގިނަ ކުންފުންޏެކެވެ. ފެއިލްވެފައި ވަނީ މަދު ކަމެއްގަ އެވެ. ދައްކަން މިއުޅެނީ ވަޔަލެސް ޗާޖަރުގެ ވާހަކަ އެވެ.

އެއާޕަވާ ވަޔަލެސް ޗާޖަރު އުފައްދަން އެޕަލްއިން ކުރި މަސައްކަތް އަދި ވެސް ކޮޅެއްގައި ނުޖެހެ އެވެ. ސަބަބަކީ އެޕަލްއިން ވަޔަލެސް ޗާޖަރެއް އުފައްދަން ބޭނުންވި ފެންވަރަށް ހާޑްވެއާ ތަރައްގީ ނުކުރެވުމެވެ.

އެއާޕަވާއަކީ އެޕަލްއިން އުފައްދަން ބޭނުންވި ވަޔަލެސް ޗާޖަރަށް ކިޔާ ނަމެވެ. އެއީ ފަތުރާލާފައި އޮންނަ މެޓެއް ނުވަތަ ފައިފުއްސެކެވެ. ޗާޖިން ކުނަލެކޭ ކިޔަސް ހެވެވެ. އެޕަލްއިން ބޭނުންވީ އެއްފަހަރާ މަދުވެގެން ތިން ޑިވައިސް، އައިފޯން، އައިވޮޗް އަދި އެއާޕޮޑް ޗާޖް ކުރެވޭ ފެންވަރު ހާޑްވެއާގައި ދަމަހައްޓާށެވެ.

އެޕަލްގެ ޑިވައިސްތަކަށް މިހާރު ވެސް ތާޑްޕާޓީ ވަޔަލެސް ޗާޖަރު އެބަހުއްޓެވެ. ނެތީ އެޕަލްގެ އަމިއްލަ އުފެއްދުމެކެވެ. އައިފޯނަށް ވަޔަލެސް ޗާޖަރުތައް އެކި ކުންފުނިތަކުން އަންނަނީ އުފައްދަމުންނެވެ.

ވަޔަލެސް ޗާޖަރެއް އުފެއްދުމަށް މިހާރު އެންމެ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންނަކީ ޗައިނާގެ ޝޯމީ އެވެ. އަދި އެއީ ވެސް އެޕަލްއިން އުފައްދަން މަސައްކަތްކޮށް އަދި ކާމިޔާބުވެފައި ނުވާ ޗާޖިން މެޓް ކަހަލަ، އެއްފަހަރާ ތިން ޑިވައިސް ޗާޖް ކުރެވޭ ވަޔަލެސް ޗާޖަރެކެވެ.

ޗައިނާ ބަހުން އޮތް ލަފުޒުތައް ތަރުޖަމާ ކުރުމުން ކިޔޭ ގޮތަކީ "މީ ވަޔަލެސް ޗާޖިން ސްޓޭންޑާޑް ސެޓް" އެވެ. މިއީ 80 ވޮޓް ހުންނަ ޗާޖިން ކުނަލެކެވެ. އެއްފަހަރާ ތިން ޑިވައިސް ޗާޖް ކުރެވެ އެވެ. ޗާޖަރު ތެރޭގައި 19 ކޮއިލް ހިމެނެ އެވެ. މާނައަކީ ކުނަލުގެ ކޮންމެ ތަނެއްގައި ބޭއްވި ނަމަވެސް ބެޓެރިއަށް ބާރު / ހަކަތަ އެޅޭނެ ކަމެވެ.