ރަޝިއާ ސިފައިން 2014 ގައި ޖަހައިގަތް ޔުކްރޭންގެ ކްރައިމިއާ ދެން ދުވަހަކު ވެސް ޔުކްރޭންގެ ބައެއް ގޮތުގައި ނުވާނަ ކަމަށް ކްރޮއޭޝިއާގެ ރައިސް ޒޮރަން ވިލަނޮވިޗް ވިދާޅުވެއްޖެ އެވެ.
ވިލަނޮވިޗް މި މޭރުމުން ބަސްވިދާޅުވީ ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ކްރޮއޭޝިއާ ވަންނަން ބޭނުންނުވާ ކަމަށް ވިދާޅުވެ ސަބަބު ދައްކަވަމުންނެވެ.
ވިލަނޮވިޗް އަކީ ޔުކްރޭނާ މެދު ހުޅަނގުން ގެންގުޅޭ ސިޔާސަތަށް ފާޅުގައި ބަސްވިދާޅުވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި ބަލަހައްޓައިގެން ހުންނަވަނިކޮށް އުޅުހިފާ ޒާތުގެ ކުޅިގަނޑެއްގެ ތެރެއަށް ޒަގްރެބް ނުވަންނާނެ އެވެ. (ޒަގްރެބް އަކީ ކްރޮއޭޝިއާގެ ވެރިރަށެވެ.)
ޔުކްރޭން ހަނގުރާމައަށް އަހަރު ފުރެން އަންނައިރު ކޮޅެއް މެދެއް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ވިލަނޮވިޗް ވިދާޅުވީ ބޭކާރު ގޮތުގައި ކުރާނެ ހޭދައެއް ކްރޮއޭޝިއާއަށް ލިބިފައި ނެތް ކަމަށެވެ.
ކްރޮއޭޝިއާ އަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމެކެވެ. އެހެން ނަމަވެސް، އިޚުތިޔާރެއް އޮތްހައި ހިނދު އިސްކަން ދެއްވާނީ އަމިއްލަ ގައުމަށް ކަމަށް ވެސް ވިލަނޮވިޗް ވިދާޅުވި އެވެ.
ވިލަނޮވިޗް ވިދާޅުވި ގޮތުގައި ހަނގުރާމަ އަކީ ހައްލެއް ނޫނެވެ. އަދި ހައްލު އޮންނަ ކަމެއް ވެސް ނޫނެވެ. ޔުކްރޭނަށް އެހީވުމަށް ހުޅަނގުން ކުރަނީ މާނައެއް ނެތް އެކަމަކު ގެއްލުން ބޮޑު މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް ޓޭންކް ފޮނުވަން ޖަރުމަން ކުރާ ހޭދައާ މެދު ވިލަނޮވިޗް ވިދާޅުވީ އެކަމުގެ ސަބަބުން ރަޝިއާ އާއި ޗައިނާއާ ގުޅުން ބަދަހިކުރުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
ރަޝިއާ އާއި ޗައިނާ ގާތްވުމުން ހުޅަނގަށް ވާނީ ނުރައްކާ ކަމަށް ވެސް ވިލަނޮވިޗް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކިތަންމެ ވަރަކަށް ޔުކްރޭނަށް ހަތިޔާރު ފޮނުވި ނަމަވެސް ދެން ދުވަހަކު ވެސް ޔުކްރޭންގެ ބައެއްގެ ގޮތުގައި ކްރައިމިއާ ނުވާނެ ކަމަށެވެ.
ހުޅަނގުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތަށް ވެސް ވިލަނޮވިޗް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިއާ ވީމާ ވަކި ގޮތެއް -- ގަޔާވާ ބަޔަކު ނަމަ އެެހެން ގޮތެއް -- އެއީ ބައިނަލްއަގްވާމީ ސިޔާސަތަށް ވެގެން ނުވާނެ ކަމަށެވެ.