ބޮލީވުޑް

"ޒީރޯ" ފެއިލްވުމުން ރެސްޓޯރަންޓް ވިޔަފާރި ކުރަން ވިސްނިން: ޝާހް ރުކް

ޝާހް ރުކް ޚާންގެ "ޕަތާން" މިހާރު ރެކޯޑްތައް މުގުރަމުންދާއިރު ފިލްމުގެ ކާމިޔާބު ފާހަގަކުރުމަށް ޝާހް ރުކް ވަނީ މީޑީއާ އާ ބައްދަލުކޮށްފަ އެވެ.

ފިލްމު ރިލީޒްކުރިތާ ފަސް ވަރަކަށް ދުވަސް ތެރޭގައި ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ފިލްމު ރިލީޒްކުރި ހުރިހާ ގައުމަކުން 500 ކްރޯޑު ރުޕީސް ހޯދާފައި ވެއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝާހް ރުކް ބުނީ "ޕަތާން"ގެ ކުރިން އޭނާ ކުޅެ ރިލީޒްކުރި "ޒީރޯ" ފްލޮޕްވުމުން ވަރަށް ދެރަވި ކަމަށާއި ފިލްމު ކުޅުން ހުއްޓާލާފައި އެހެން ވިޔަފާރިއެއް ފަށަން ވިސްނި ކަމަށެވެ.

"ހިތަށް އެރި ރެސްޓޯރަންޓެއް ހުޅުވައިގެން އެ ވިޔަފާރިކުރަން ފަށަން ވިއްޔޭ،" ޝާހް ރުކް ބުންޏެވެ.

ޝާހް ރުކް ބުނި ގޮތުގައި ޕެންޑެމިކް ތެރޭގައި ބައެއް ކަންތައްތައް ރަނގަޅަކަށް ދިމާވި އެވެ. އަދި އަނެއްބައި ކަންތައްތައް ދިޔައީ ވަރަށް ދެރަވާ ފަދަ ގޮތް ގޮތަށެވެ.

"ޕެންޑެމިކް ތެރޭ ދެ އަހަރެއްހާ ދުވަހު އަހަރެން އެއްވެސް މަސައްކަތެއް ނުކޮށް ހުރިން. އެއީ ދެރަވި ކަމެއް ނަމަވެސް ދަރިންނާއެކު ކޮލިޓީ ވަގުތުތަކެއް ހޭދަކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އާރްޔަން އާއި ސުހާނާ އަދި އަބްރާމް ބޮޑުވަމުން އަންނައިރު އެކުދިންނާއެކު އަދި އާއިލާ އާއި އެކުވެރިންނާއެކު އަގުހުރި ވަގުތުތަކެއް ހޭދަކުރެވުނީތީ އުފާވި،" ޝާހް ރުކް ބުންޏެވެ.

ޝާހް ރުކް ބުނި ގޮތުގައި "ޒީރޯ" ފްލޮޕްވުމުން އޭނާގެ ދުވަސް ދިޔައީ ކަމަށް ބައެއް މީހުން ގަބޫލު ކުރި އެވެ. އަދި ދެން އޭނާ ކުޅޭ އެއްވެސް ފިލްމެއް ކާމިޔާބު ނުވާނޭ މީހުން ބުނަމުން ދިޔަ އެވެ. ފިލްމު ކުޅުން ނޫން އެހެން މަސައްކަތެއް ކުރަން އޭނާ ވިސްނީ އެގޮތަށް މީހުންގެ ހިޔާލުހުރިކަން އެނގުނީމަ އެވެ.

"އެހެންވެ އަހަރެން ކައްކަން ދަސްކުރިން. ރެސްޓޯރަންޓެއް ހުޅުވުމުގެ އުންމީދުގައި. އަހަރެންނަށް މިހާރު އިޓާލިއަން ކާނާ ކައްކަން އެނގޭ،" ޝާހް ރުކް ބުންޏެވެ.

ޝާހް ރުކް ބުނި ގޮތުގައި "ޕަތާން"ގެ ކާމިޔާބީގެ ސިއްރަކީ ބެލުންތެރިން ފިލްމަށް ދިން ބޮޑު ތަރުހީބެވެ. އަދި އެކަމާ އޭނާ އިންތިހާއަށް އުފާ ކުރެ އެވެ.

ޝާހް ރުކްގެ ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒްވާނީ "ޖަވާން" އެވެ. އަޓްލީ ޑައިރެކްޓްކުރާ މި ފިލްމުގައި ސައުތު އިންޑިޔާގެ ތަރިން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ނަޔަންތާރާގެ މުހިއްމު ރޯލުތަކެއް ހިމެނެ އެވެ. އަދި ރާޖްކުމާރު ހިރާނީގެ "ޑުންކީ"ގެ މަސައްކަތް ވެސް ޝާހް ރުކް މިހާރު ގެންދަނީ ކުރަމުންނެވެ. މި ފިލްމުގެ ބަތަލާ އަކީ ތާޕްސީ ޕަންނޫ އެވެ.