ހަބަރު

ބީއެމްއެލްގެ ސެލްފް ސާވިސް ޔުނިޓެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 10 ވަނަ ސެލްފް ސާވިސް ބޭންކިން ޔުނިޓު އައިޖީއެމްއެޗްގައި ހުޅުވައިފި އެވެ.

މިއަދު އައިޖީއެމްއެޗްގައި އެ ޔުނިޓް ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިއަދު ހުޅުވި ބެންކިން ޔުނިޓަކީ އެކުންފުނިން ރާއްޖޭގައި ހުޅުވައި 10 ވަނަ ސެލްފް ސާވިސް ޔުނިޓު ކަމަށާއި އަދި އެޔުނިޓު ގާއިމްކޮށްފައިވާ ލޮކޭޝަންގެ ސަބަބުން އެތަށް ބަޔަކަށް ގިނަ ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ.

"މިހާރު މިވަނީ 10 ސެލްފް ސާވިސް އޭޓީއެމް ހުޅުވިފައި. މި ޔުނިޓްތަކުން މިވޭތުވެދިޔަ ދުވަސްތަކުގައި ދެ މިލިއަނަށް ވުރެ ގިނަ ޓްރާންސެކްޝަންތަށް ރައްޔިތުން ކޮށްފައިވޭ،' ހީލީ ވިދާޅުވި އެވެ.

މިއަދު ހުޅުވި ސެލްފް ސާވިސް ޔުނިޓުގައި ބީއެމްއެލްގެ ތިން އޭޓީއެމް ހުރެއެވެ. އަދި އެ އޭޓީއެމް އިން ސައީދު ވަނީ ފުރަތަމަ ފަހަރަށް އާނޫޓު އޭޓީއެމް އަކުން ނެގި މީހާކަމުގެ ޝަރަފު ލިބިގަނެފަ އެވެ. ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ބީއެމްއެލް އަކީ ޒަމާނުއްސުރެއް ރާއްޖޭގެ އިގްތިސޯދަށް އަންނަ ބަދަލުތައް ދައްކުވައިދާ ބެންކެއް ކަމަށާއި އެގޮތުން ޒަމާނާއި އެއްވަރަށް އެކުންފުނީގެ ހިދުމަތްތަކަށް އަންނަ ބަދަލުތަށް ފާހަގަކޮށަލަން ޖެހޭ ކަމަށެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ފަހު ކޮޅު ވަނީ ހުޅުމާލޭ އޭޓީއެމްވެސް އިތުރަށް ތަރައްގީކޮށް ސެލްފް ސާވިސް އޭޓީއެމްތަކެއް ހުޅުވައިފަ އެވެ. ގައުމީ ބޭންކުން މިދިޔަ އަހަރާއި ހަމަޔަށް ރާއްޖޭގައި 27 ބްރާންޗާއި 75 އޭޓީއެމް ހުޅުވި އެވެ.