ފިނިޕޭޖް

ޖޫލިއާ އާއި ޖެނިފާ އަނެއްކާވެސް ފިލްމެއްގައި

ޖޫލިއާ ރޮބަޓްސް އާއި ޖެނިފާ އެނިސްޓަން އަނެއްކާވެސް އެކުގައި ފިލްމެއް ކުޅެނީ އެވެ.

މެކްސް ބާބަކޯ ޑައިރެކްޓްކުރާނެ މި ފިލްމުގެ މާބޮޑު ތަފްސީލް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ޖޫލިއާ އާއި ޖެނިފާ އެކަކު އަނެކަކާ ހަށިގަނޑު ބަދަލުވާ ކޮމެޑީއެކެވެ. ޖޫލިއާ އާއި ޖެނިފާ ވަނީ މީގެ ކުރިން "މަދަސް ޑޭ" އެކުގައި ކުޅެފަ އެވެ.

ޖޫލިއާ އާއި ޖެނިފާ އަކީ ޑްރާމާ ފިލްމް ކުޅުމުގެ އިތުރުން ގިނަ އަދަދެއްގެ ރޮމޭންޓިކް ކޮމެޑީ ކުޅެ، ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ދެ ތަރިންނެވެ. މިކަމުގެ ސަބަބުން ގިނަ ސްޓޫޑިއޯތަކުން މި ފިލްމް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، މި ފިލްމު ހޯދާފައިވަނީ އެމެޒޯން ސްޓޫޑިއޯޒްއިންނެވެ.

އުމުރުން 55 އަހަރުގެ ޖޫލިއާ އަކީ އެކަޑަމީ އެވޯޑާއި އެހެން ގިނަ އެވޯޑް ލިބިފައިވާ އެކްޓްރަސްއެކެވެ. އަދި ޖޫލިއާގެ އެންމެ ފަހު ފިލްމް، ޖޯޖް ކްލޫނީއާ އެކު ކުޅުނު ރޮމޭންޓިކް ކޮމެޑީއެއް ކަމުގައިވާ "ޓިކެޓް ޓު ޕެރެޑައިސް" ވަނީ ގްލޯބަލް ބޮކްސް އޮފީހުގައި ކާމިޔާބުކަމާއެކު 172.4 މިލިއަން ޑޮލަރު ހޯދާފަ އެވެ.

ޖޫލިއާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޕްރިޓީ ވުމަން"، "ރަންއަވޭ ބްރައިޑް"، "ނޮޓިން ހިލް"، "އެރިން ބްރޮކަވިޗް" އަދި "އޯޝަންސް އިލަވަން"ގެ ފިލްމުތައް ހިމެނެ އެވެ.

އުމުރުން 53 އަހަރުގެ ޖެނިފާ އެނިސްޓަން އަކީ "ފްރެންޑްސް" ސީރީޒް އިން ރޭޗަލް ގްރީންގެ ރޯލުން މަޝްހޫރުކަން ހޯދައި، ގޯލްޑަން ގްލޯބް، އެމީ އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑް ހޯދާފައިވާ ތަރިއެކެވެ.

ޖެނިފާގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ބްރޫސް އޯލްމައިޓީ"، "ދަ ބްރޭކްއަޕް"، "ހީޒް ޖަސްޓް ނޮޓް ދެޓް އިންޓު ޔޫ"، "ހޮރިބަލް ބޮސަސް"، "ޖަސްޓް ގޯ ވިތް ދަ ފްލޯ" އަދި "މާޑާ މިސްޓްރީ" ހިމެނެ އެވެ. އަދި ޖެނިފާ "ދަ މޯނިން ޝޯ" ސީރީޒް ރީޒް ވިދާސްޕޫންއާ އެކު ކުޅެމުންދެ އެވެ.

ޖެނިފާގެ އަންނަ މާޗް މަހު ރިލީޒްކުރާ "މާޑާ މިސްޓްރީ 2"ގެ ޓްރޭލާ މިހާރު ވަނީ ނެޓްފްލިކްސް އިން ނެރެފަ އެވެ.