ލައިފްސްޓައިލް

މިލިއަނަރެއްގެ މިލްކިއްޔާތުގެ 99 ޕަސެންޓް ޗެރިޓީ އަށް

ދަރިންނަށް ރަނގަޅު މިސާލެއް ދެއްކުމުގެ މަގުސަދުގައި މިލިއަނަރަކު އޭނާގެ މިލްކިއްޔާތު އެއްކޮށް ކަހަލަ ގޮތަކަށް ޗެރިޓީ އަށް ހަދިޔާކުރަން ނިންމައިފި އެވެ.

ޑަވޭ ފިޝްވިކް އަކީ އަމިއްލައަށް މުއްސަނދިކަން ހޯދި މިލިއަނަރެކެވެ. އަދި 2008 ގައި އެންމެ ފައިސާއަށް ދަތިވީ ދުވަސްވަރު އޭނާ އަމިއްލަ ބެންކެއް ހުޅުވި އެވެ.

އޭނަގެ ކުންފުނި ބާންލޭ ސޭވިންގްސް އެންޑް ލޯންސް އަކީ އޭނާ ދިރިއުޅޭ މުޖުތަމައުގެ ވިޔަފާރިތައް ތަރައްގީކުރަން ސަމާލުކަން ދޭ ކޮމިއުނިޓީ ބޭންކެކެވެ.

އިނގިރޭސި ވިލާތުގެ ބާންލޭގައި ދިރިއުޅޭ ފިޝްވިކް އަކީ 16 އަހަރުގައި ސްކޫލުން ވަކިވެ ކިޔެވުން ހުއްޓާލާފައި ހުރި މީހެކެވެ.

އޭނާއަށް އޭގެ ފަހުން އެއްވެސް ރަސްމީ ތައުލީމެއް ލިބިފައެއް ނެތެވެ. ނަމަވެސް އަމިއްލަ މަސައްކަތުން އޭނާ ވަނީ މިހާރު ބޮޑު މިލިއަނަރަކަށް ވެފަ އެވެ. އަމިއްލަ ހެލިކޮޕްޓަރުގައި ތަންތަނަށް ގޮސް އުޅުނަސް އިންސާނިއްޔަތުކަން އޭނާގެ ކިބައިގައި ހުރެ އެވެ.

ފިޝްވިކް މުއްސަނދިވީ މިނީ ބަސް އުފައްދައި އެ ވިއްކައިގެންނެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތު ދަރިންނަށް ވާރުތަވާކަށް ފިޝްވިކް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އޭނާގެ ދަރިން ވެސް އޭނާ ކުރި ގޮތަށް އަމިއްލައަށް މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން މުއްސަނދި ވާށެވެ. އޭނާ މަރުވުމުން މިލްކިއްޔާތުގެ 99 ޕަސެންޓް ޗެރިޓީއަށް ހަދިޔާކުރަން އޭނާ ނިންމީ އެ ސަބަބާ ހެދި އެވެ.

ފިޝްވިކް އަބަދުވެސް ބުނަމުން ދަނީ އޭނާގެ މިލްކިއްޔާތު ދަރިންނަށް ދީގެން އެ މީހުންގެ ބޮލުގައި އެ ބޮޑު ބުރަ އަޅުވަން ބޭނުން ނުވާ ކަމަށެވެ.

އިނގިރޭސި ވިލާތު ނޫހަކަށް ދިން އިންޓަވިއު އެއްގައި ފިޝްވިކް ބުނީ ދަރިންނެއް ކަމަކު އެމީހުންނަށް ބުރަކޮށް މަސައްކަތްކޮށްގެން ފައިސާ ހޯދަން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އަހަރެންނަށް ފެނޭ ބައެއް މުއްސަނދި މަހުޖަނުން އެމީހުންގެ ދަރިންނަށް ހިތަށް އެރި ވަރަކަށް ފައިސާ ދޭތަން. އެކަމުގެ ސަބަބުން އެކުދިންނަށް އަމިއްލަ ދިރިއުޅުމެއް ނުފެނި ހަލާކުވެގެން ދަނީ. ކުދިންނަކަށް އެ ކުދިންގެ ބައްޕަ ހޯދާފައިވާ ފައިސާގެ މުހިއްމުކަމެއް ނުވިސްނޭނެ. އެހެންވީމަ އެ ފައިސާތައް ލިބިއްޖިއްޔާ އެކުދިންނަށް މަގު އޮޅިގެން ދާނެ،" ފިޝްވިކް ބުންޏެވެ.

ފިޝްވިކް ބުނި ގޮތުގައި އޭނާ މަރުވުމުން އޭނާގެ މުދަލުގެ 99 ޕަސެންޓް ދާނީ ޗެރިޓީ އަށެވެ. ދަރިންނަށާއި އާއިލާއަށް ލިބޭނީ ހަމަ އެންމެ ޕަސެންޓެކެވެ. އޭނާ މިއަދު މަރުވި ނަމަވެސް ނުވަތަ އެތައް އަހަރެއް ފަހުން މަރުވި ނަމަވެސް އެކަން އޮންނާނީ އެގޮތަށެވެ.

ފިޝްވިކް ބުނި ގޮތުގައި ދަރިންނަށް މަސައްކަތުގެ އަޚްލާގާއި ހުނަރު ދަސްކޮށްދޭން އޭނާ ބޭނުމެވެ. އޭނާ މަސައްކަތްކުރަން ފަށައިގަތް އިރު ދުވާލަކު ތިން ތަނުގައި ވަޒީފާ އަދާކުރިކަމަށް ދަރިން ކައިރީގައި އަބަދުވެސް ބުނާ ކަމަށް ފިޝްވިކް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ ދައްކާ ހުރިހާ ވާހަކައެއް ދަރިންނަކަށް ވެސް ގަބޫލެއް ނުކުރެ ވެއެވެ. ނަމަވެސް އެ ކުދިންނަކީ ވަރަށް ރަނގަޅު ކުދި ބަޔެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. ވީމާ ކޮންމެވެސް ދުވަހަކުން ބައްޕަ މި ކަންތައް ކުރި ގޮތް އެކުދިންނަށް ވިސްނޭނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.

ފިޝްވިކްގެ ހަޔާތުގެ ވާހަކައިގެ މައްޗަށް ކުޅެފައިވާ "ބޭންކް އޮފް ޑަވޭ" މިހާރު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާފައިވާއިރު ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ފިޝްވިކްގެ ހަޔާތުގެ ކުރީކޮޅު އޭނާ އުޅުނު ފަގީރު ދިރިއުޅުމާއި މިލިއަނަރަކަށް ވުމާ ހަމައަށް އޭނާ ކުރި އުނދަގޫ ދަތުރު މި ފިލްމުން ވަރަށް ރަނގަޅަށް ދައްކާފައި ވެއެވެ.