އެމްޑީޕީގެ ވާދަވެރި ޕްރައިމަރީއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއް ތަނަކުން ފުރަތަމަ ފަހަރަށް ބައްދަލުވެއްްޖެ އެވެ.
މި ދެ ބޭފުޅުން ބައްދަލުވީ އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިންނެވެ.
ހަފްލާގައި ބައިވެރިވި ބައެއް ބޭފުޅުން އާންމުކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި މި ހަފްލާގެ ތެރެއިން ދެ ބޭފުޅުން ވަނީ ސަލާމް ކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި ރައީސް ނަޝީދާ އެންމެ ބޮޑު ހިޔާލުތަފާތުވާ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ދެ ބޭފުޅުން ތިއްބެވީވެސް ޖެހިޖެހިގެންނެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު އެންމެ ބޮޑަށް މައްސަަލަ ދިމާވީ ރައީސް ނަޝީދު ބޭނުންވާ ގޮތަށް ރައީސް ސޯލިހް ސަރުކާރުގެ ސިޔާސަތުތައްް ތަންފީޒު ކުރައްވަމުން ނުގެންދަވާތީ އާއި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ސޯލިހް ދެކޮޅު ހެއްދެވުމުންނެވެ.
މީގެއިތުރުން މިދިޔަ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކުރައްވައިގެން ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހް ހޯއްދެވި ބޮޑު ކާމިޔާބަކީ ވެސް ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވުން ބޮޑުވި މައްސަލަ އެކެވެ.
ޕްރައިމަރީގެ ނަތީޖާ ރައީސް ނަޝީދު ގަބޫލުކުރެއްވި ނަމަވެސް އެމަނިކުފާނު ގެންދަވަނީ ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވަމުންނެވެ. އަދި "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ގޮފިތަކެއް ހަދައި ވަކި ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ތަކުރާރުކޮށް ވިދާޅުވަމުން އެބަގެންދަވަ އެވެ.