ހަބަރު

ކާޑެއްދޫއިން ޖެޓްފިއުލް ގެންގޮސް ތިނަދޫގައި ބަހަނީ

ގދ. ކާޑެއްދޫ އެއާޕޯޓުން ޖެޓް ފިއުލް ގެންގޮސް ކަރަންޓު ކެނޑިފައިވާ ތިނަދޫގައި ބަހަން ފަށައިފިއެވެ. ރޭ ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އިންޖީނު ގެއާއި އިންޖީނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެެވެ.

ކާޑެއްދޫއިން ޖެޓް ފިއުލް ގެންގޮސް ތިނަދޫގައި ބަހަން ފަށާފައިވަނީ، އެރަށުން ސާފުތެޔޮ ހުސްވުމާ ގުޅިގެންނެވެ. ތިނަދޫގައި އެންމެ ގެއެއްގައި ސާފުތެޔޮ ވިއްކާއިރު އެގޭގައި ހުރީ ހަތަރު ފީފާގެ ތެލެވެ. ގިނަ ބަޔަކު ފުޅި ބައްތި ދިއްލުމަށް ތެޔޮ ގަތުމަށް ކިޔު ހަދާފައިވަނިކޮށް އެގެއިން ވަނީ ސާފުތެޔޮ ހުސްވެފައެވެ.

ޖެޓް ފިއުލް ބަހަނީ ތިނަދޫގެ ތިން ސްކޫލްގައެވެ. ތިން ސްކޫލްގައި ވެސް ވަނީ ޖެޓް ފިއުލް ބެހުމަށް ސެންޓަރުތަކެއް ގާއިމުކޮށްފަ އެވެ. ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް ޒީމާ އަބްދުﷲ އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކާޑެއްދޫއިން މިވަގުތަށް 10 ފީފާގެ ޖެޓް ފިއުލް ތިނަދޫއަށް ގެނެސްފައިވާ ކަމަށާއި ތެޔޮ ބެހުމުގެ މަސައްކަތް ކުރަނީ ސްކައުންޓުން ކަމަށެވެ.

ތިނަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ، އެރަށުން އުއްބަތި ވެސް ހުސްވެފައިވާ ކަމަށާއި އަލިކަމެއް ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. އެހެން ކަމުން ފުޅި ބައްތި ދިއްލަން ތެޔޮ ލިބުން ވަރަށް މުހިންމު ކަމަށެވެ.

"އިންސާނިއްޔަތަށް އެހީވާން ބޭނުންނަމަ މި ރަށަށް އުއްބަތި ކޮޅެއް ފޮނުވައިދީ، ރައްޔިތުން ތިބީ ވަރަށް ހާލުގައި، ގިނަ ތަކުލީފުތަކެއް އުފުލަން ޖެހިފައިވަނީ،" އޭނާ ބުންޏެވެ.

ރޭ އެއްކޮށް ވެސް ގިނަ މީހުން ތިބީ ކަނު އަނދިރީ ކަމަށާއި ބައެއް ގޭގައި އަލިކަމެއްވީ ފޯނު ފްލެޝް ލައިޓް ދިއްލައިގެން ކަމަށް އޭނާ ބުންޏެވެ. އަދި މިރޭ ވެސް އަލިކަމެއް ހޯދުމަށް އެކި ގޮތްތައް ރާވަމުންދާއިރު ސައިކަލްތައް ދިއްލައިގެން ވެސް އަލިކަން ހޯދުމަށް ބައެއް މީހުން ނިންމާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ބަލަނީ ސައިކަލް ވެސް ވީ އެންމެ މަދަކުން ބޭނުންކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ތިނަދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ތިނަދޫ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު މިހާރު ކުރާ މަސައްކަތުން ތިނަދޫގެ ގެތަކަށް ކަރަންޓު ފޯރުކޮށްދެވޭނީ ހަތަރު ދުވަސް ފަހުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އެރަށަށް ކަރަންޓް ދިނުމަށް ސްޓެލްކޯގައި ހުރި އެއް މެގަވޯޓްގެ ޖެނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ލ. ގާދޫ އާއި ގއ. ވިލިނގިލި އަދި މާމެންދޫ އިން ޖަނަރޭޓަރު ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ތިނަދޫގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.