ފިނިޕޭޖް

"ބޭޑް ބޯއިޒް 4" ހަދަނީ

އެކްޝަން ކޮމެޑީ "ބޭޑް ބޯއިޒް" ފިލްމް ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމް ހަދަނީ އެވެ.

މި ހަބަރު އިއުލާންކޮށްފައިވަނީ އެ ފިލްމް ފްރެންޗައިޒްގެ ދެ ތަރިން ވިލް ސްމިތް އާއި މާޓިން ލޯރެންސްގެ އިންސްތަގްރާމް އެކައުންޓްތަކުގައި ޕޯސްޓްކުރި ވީޑިއޯއަކުންނެވެ.

މި ވީޑިއޯގައި ފެންނަނީ ވިލް ސްމިތް ވީޑިއޯ ރިކޯޑް ކުރަމުން ކާރު ދުއްވަމުން، އޭނާ ދާ ތަނަކުން ދޭން އުޅޭ ހަބަރުގެ ހިންޓެއް ލިބޭނެ ކަމަށް ބުނެ އެވެ.

ދެން ކާރު ތެރެއިން "ބޭޑް ބޯއިޒް 2" ގެ ލަވަ "ޝޭކް ޔަ ޓައިލްފެދާ"ގެ އަޑު އިވެއެވެ. ދެން މާޓިން ލޯރެންސްގެ ގެއަށް އައުމުން، މާޓިން ދޮރު ހުޅުވާފައި މިއީ އެ ގަޑިއާ ގުޅިގެންތޯ ސުވާލުކުރެ އެވެ. އޭގެފަހުން ދެ މީހުން އެކުގައި ރަސްމީކޮށް ހަތަރުވަނަ ފިލްމު ހަދާ ކަމަށް ބުނެ، އެއާ ގުޅޭ ވާހަކަތަކެއް ދައްކަމުން ސަކަރާތްޖަހަމުންދެ އެވެ.

މި ފިލްމް ހެދުމުގެ ކަންތައްތައް ޖެނުވަރީ 2020 ގައި ފަށާފައިވާއިރު، އޭޕްރިލް 2022 ގައި ބޭއްވި އެކަޑަމީ އެވޯޑް ޝޯ ތެރެއިން ހިނގި ހާދިސާ އާއި ތަހުގީގާ ގުޅިގެން ފިލްމްގެ ކަންތައްތައް ވަނީ ހުއްޓިފަ އެވެ.

"ބޭޑް ބޯއިޒް" ފިލްމް ފްރެންޗައިޒްގެ ފުރަތަމަ ފިލްމް، ""ބޭޑް ބޯއިޒް" ނެރެފައިވަނީ 1995 ގައެވެ. މީގެ ދެވަނަ ފިލްމް "ބޭޑް ބޯއިޒް 2" 2003 ގައި އަދި ތިންވަނަ ފިލްމް ""ބޭޑް ބޯއިޒް ފޯ ލައިފް" 2020 ގައި ނެރެފައިވެ އެވެ.

މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމް މައިކަލް ބޭ ޑައިރެކްޓްކޮށްފައިވާއިރު، ތިންވަނަ ފިލްމް ޑައިރެކްޓްކޮށްފައިވަނީ އާދިލް އާއި ބިލާލް އެވެ.

މި ފިލްމް ފްރެންޗައިޒްގެ ދެވަނަ ފިލްމާ ގުޅުވާފައި، އެ ފިލްމްގައި ގެބްރިއަލް ޔޫނިއަން ކުޅެފައިވާ ކެރެކްޓާ އާއި ޖެސިކާ އަލްބާ އާއެކު "އެލް އޭސް ފައިނަސްޓް"ގެ ނަމުގައި ސްޕިން އޮފް ސީރީޒެއް 2019 އިން 2020 އަށް ދައްކާފައިވެ އެވެ. މި މުޅި ފްރެންޗައިޒްއަށް 840 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"ބޭޑް ބޯއިޒް 4" އާ ބެހޭގޮތުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. "ބޭޑް ބޯއިޒް" ފްރެންޗައިޒްގައި ވިލް ސްމިތް އާއި މާޓިން ލޯރެންސް އަދާކުރަނީ ޕޮލިސް ޑިޓެކްޓިވް ސާޖަންޓުން ކަމުގައިވާ މައިކް ލައުރީ އާއި މާކަސް ބާނެޓްގެ ރޯލެވެ. އަދި ލެކްސް އެލް ޑިޓެކްޓިވް ޒެންޑާ ބްލެކްމަންގެ ގޮތުގައި ހިމެނޭނެ އެވެ. މި ފިލްމް އާދިލް އާއި ބިލާލް ޑައިރެކްޓް ކުރާނެ ކަމަށް އަޑުއަރާފައިވެ އެވެ.