ދިރާގު

އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް ދެވަނަ ފަހަރަށް ދިރާގަށް

Feb 1, 2023

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި "އޫކްލާ" އިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާކްގެ އެވޯޑު ދެވަނަ ފަހަރަށް ދިރާގަށް ދީފި އެވެ.

ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު 2021ވަނަ އަހަރުވެސް ދިރާގަށް ވަނީ ލިބިފަ އެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓް ދައްކާ ގޮތުގައި ދިރާގުން ވަނީ 2022 ވަނަ އަހަރުގެ އެންމެ ހަލުވި ސްޕީޑް ހޯދާ ރާއްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފަ އެވެ.

މި ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފުޅާކޮށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީވެސް ދިރާގެވެ.

މި ބައިނަލްއަޤްވާމީ އެވޯޑަކީ ދިރާގުގެ ދިގު ހިދުމަތުގެ ތާރީހުގައި ކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ އެފަރާތްތަކަށް ބިނާކުރަމުންދާ "ޑިޖިޓަލް ފިއުޗާ" އަށް ތައްޔާރުވުމަށް ކޮށްދެމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށެވެ.