ދިރާގު

ދެވަނަ ކުއާޓަރުގައި ދިރާގަށް 687 މިލިއަން ރުފިޔާގެ އާމްދަނީއެއް

ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 687.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މުވާސަލާތީ ކުންފުނި -- ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނީ 640.2 މިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.

އެ ގޮތުން މޯބައިލް ހިދުމަތްތަކުން 358.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތަކުން 307 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މީގެ އިތުރުން އެހެނިހެން ހިދުމަތްތަކުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި 21 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިރާގަށް ވަނީ ލިބިފަ އެވެ.

ދިރާގުގެ މާލީހިސާބުތައް ދައްކާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އަދި ޓެކުހަށް ކެނޑުމަށްފަހު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ އިތުރުވެފަ އެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާއަކީ 277.1 މިލިއަން ރުފިޔާ އެވެ.

މި އަދަދު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުރީ 267 މިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ހުރީ 254.9 މިލިއަން ރުފިޔާގަ އެވެ.

ޓެކުހަށް ކެނޑުމަށްފަހު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި 240.4 މިލިއަން ރުފިޔާ ލިބުނުއިރު މި އަދަދު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 218.1 މިލިއަން ރުފިޔާގަ އެވެ.

މި އަދަދު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުރީ 227.6 މިލިއަން ރުފިޔާގަ އެވެ.