ދިރާގު

އޭޝިއަން ޓެލެކޮމް އެވޯޑްސް 2024 ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް

އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް މި އަހަރު ދިރާގަށް ލިބިއްޖެ އެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

އެގޮތުން ދިރާގަށް މި ލިބުނު އެވޯޑަކީ ދިވެހިރާއްޖެ ފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޖަޒީރާ ގައުމަކަށް ހަލުވި ސްޕީޑްގައި މޮބައިލް އަދި ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްގީކުރުމަށް އެކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ލިބުނު އެވޯޑެކެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ އޭޝިއަން ޓެލެކޮމް އެވޯޑްސް 2024ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"މި ކާމިޔާބީ އިން ހާމަވެގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. އަދި މި ފުރުސަތުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު ފާހަގަކޮށް އަޅުގަނޑުމެންގެ ނެޓްވާކްގައި ތިއްބެވިކަމަށްޓަކައި ހުރިހާ ކަސްޓަމަރުންނަށްވެސް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ހިދުމަތް ފޯރުކޮށްދީފަ އެވެ. އަދި ވޭތުވެދިޔަ އަހަރު ތެރޭގައި އެކުންފުނިން ވަނީ 94 އިންސައްތަ ގޭބީސީއަށް ފައިބާ-ޓު-ދަ-ހޯމް އިންޓަންޓްގެ ހިދުމަތްވެސް ފުޅާކޮށްފަ އެވެ.

މީގެ އިތުރުން ދިރާގުން މިހާރު ވަނީ 5ޖީގެ ހިދުމަތް އާބާދީގެ 50 އިންސައްތައަށްވެސް ފޯރުކޮށްދީފަ އެވެ. މިގޮތުން ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދޭ ކުންފުންޏެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން "ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާކް" ގެ އެވޯޑްވެސް ލިބިފައެވެ. މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދީ، ފާގަތި، ޑިޖިޓަލް މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.