ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނު އަދި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް މިއަދުން ފެށިގެން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް މި ރޭޓް ކަނޑައެޅިފައިވާ ކަމަށެވެ.
އިންޓްރެސްޓް އަދި ފައިނޭންސިން ރޭޓަށް ގެނެވުނު ބަދަލާއެކު މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ. މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކިޔަވާ ލޯނަށް ގެނެވުނު ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ބީއެމްއެލް އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ފަސް ޕަސެންޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް އެ ބޭންކްގެ ޗެއާޕާސަން ޔޫޝައު ސައީދު ވިދާޅުވީ ބޭންކްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ޖެނުއަރީ 12 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 75 ޕަސަންޓާ ހަމައަށް ފައިނޭންސް ލިބޭނެ އެވެ.
ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.