ގޮނޑުދޮށް ހިމާޔަތް ކުރުން

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަނީ

ވ. ފެލިދޫ އަދި ވ. ކެޔޮދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

މި ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ 33.7 މިލިއަން ރުފިޔާއަށް ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. މި ދެ މަޝްރޫއު ނިންމުމަށް ހަވާލުކުރީ 450 ދުވަހުގެ ތެރޭގަ އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ސާސް-އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަތު ސަޢުދުﷲ އަހުމަދު އެވެ.

ވ. ކެޔޮދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި އެއްބަސްވުމުގެ ދަށުން ކެޔޮދޫގައި 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ގާއިމުކުރުމުގެ މަސައްކަތާއި 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމުގެ މަސައްކަތް އަދި 20،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ވ. ފެލިދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މި މަޝްރޫއުގެ ދަށުން ފެލިދޫގައި 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ގާއިމުކުރުމުގެ މަސައްކަތާއި، 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމުކުރުމުގެ މަސައްކަތާއި 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އޭގެ އިތުރުން 15،000 ކޮޑިމީޓަރުގެ ވެލިން ގޮނޑުދޮށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރާނެ އެވެ.