ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި އެވެ.
އުޅަނދު ޓޯ ކުރަން މިއަދު ފަށާފައި މިވަނީ އެޗްޑީސީ އިން މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ކުރި އިއުލާނެއްގައި ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށް ކުރިއަރާލައި އެންގުމަށްފަހު އެވެ.
ހަލާކުވެފައި ހުރި އުޅަނދުތަކާއި އަދި ސުން ބޯޑު އަޅުވާފައި ހުންނަ އުޅަނދުތައް ޓޯ ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން ނިންމީ މިދިޔަ އަހަރު ކަމާ ގުޅޭ ސާވޭއެއް ހެދުމަށްފަހު އެވެ.
ހުޅުމާލެ އަކީ ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ތަރައްގީކުރަމުން އައި ސިޓީއެއް ކަމަށްވީ ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ އެތަނުގައި އެތައް ހާސް ބަޔަކު އާބާދުވުމާ އެކު ހުޅުމާލެއަށް ކުއްލިއަކަށް ވެހިކަލް އިތުރުވެ ޕާކިން މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ހުޅުމާލޭގައި ޕާކިން މައްސަލަ ބޮޑުވެ، ހުޅުމާލޭގައި ހަދާފައި އެކަމަކު ބޭނުން ނުކޮށް ހުރި ޕާކިން ސިސްޓަމްތައް ވެސް ބޭނުންކުރަން ފެށުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުންނެވެ.