އެމެރިކާ

ޖޯ ބައިޑަން ޗުއްޓީ ހޭދަކުރައްވާ ގެ ބަލައި ފާސްކުރަނީ

އެމެރިކާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޖޯ ބައިޑަން -- އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރު -- ބޭނުންކުރެއްވި އަމިއްލަ އޮފީހަކުން ދައުލަތުގެ ސިއްރު ލިޔުންތަކެއް ފެނުނު މައްސަލަ އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަލައި ފާސްކުރި ވާހަކަ މިދާކަށް ދުވަހު ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި އެވެ.

ދައުލަތުގެ ސިއްރު ލިޔުންތަކެއް ބައިޑަންއާ ގުޅުންހުރި އެހެން ގެއަކުން ފެނުނު މައްސަލަ ވެސް އޮތީ ބަލަން ފަށާފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ޑެލަވެއާގައި ބައިޑަން ޗުއްޓީ ހޭދަކުރައްވާ އަމިއްލަ ގެއަކާ މެދު އެފްބީއައި އަށް ޝައްކުކުރެވިގެން އެ ތަން ބަލައި ފާސްކުރުމަށް އެފްބީއައިގެ ޓީމަކުން މިހާރު ވަނީ އެ ގެއަށް ވަދެފަ އެވެ.

މިކަމާ ބެހޭ ގޮތުން ބައިޑަންގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަސްޓިސް ޑިޕާޓްމަންޓަށް އެއްބާރުލުން ދިނުމަށް ބައިޑަން އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން ހެކި ހޯދުމާއި ތަހުގީގު ޓީމަށް ޝައްކުފިލާ ވަރަށް ބަލައި ފާސްކުރުމަށް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ކޮންމެ ވަގުތެއްގައި ހޯދުމުގެ ފުރިހަމަ އިޚުތިޔާރު އޮންނާނެ ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެ އެވެ. އެއީ އެފްބީއައި އިން ކުރާ ތަހުގީގަކީ ސައްހަކަން ކަށަވަރުކުރެވިގެން ކުރާ ތަހުގީގަށް ވާން ބޭނުންވާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބައިޑަން ކުރިން ބޭނުންކުރެއްވި އަމިއްލަ އޮފީސްތަކުން ފެނިފައިވާ ލިޔުންތަކުގެ ތެރޭގައި ސިއްރު ބައްދަލުވުންތަކުގެ ޚުލާސާ ކަރުދާހާއި ފިކުރީ ސިޔާސަތުތައް ހިމެނިގެންވާ ކުދި ނޯޓްތައް ހިމެނެ އެވެ. މި ލިޔުންތައް ބައިޑަން ޖަމާކުރައްވާފައިވަނީ 2013 އާއި 2016 އާ ދެމެދު -- އެމެރިކާގެ ނައިބް ރައީސްގެ މަގާމުގައި ބައިޑަން ހުންނެެވިއިރު އެވެ.

މި ލިޔުންތަކުގެ ތެރޭގައި ޔުކްރޭނާއި އިރާން އަދި އިނގިރޭސިވިލާތާ ބެހޭ ލިޔުންތައް ހިމެނެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޑްރަމްޕްގެ އަމިއްލަ ރިސޯޓް ގަނޑުވަރު، މާރަލާގޯ އިން ވެސް ވަނީ ދައުލަތުގެ ސިއްރު ލިޔުންތަކެއް މީގެ ކުރިން ފެނިފަ އެވެ. އަދި ޓްރަމްޕްގެ އެއްބާރުލެއްވުމެއް ނެތި އެފްބީއައި އިން ވަނީ އޭނާގެ ގެއަށް ވަދެ ފާސްކޮށްފަ އެވެ.

އެފްބީއައި އިން މިކަމުގައި އަމަލުކުރި ގޮތުން ނުރުހުންވެ ވަޑައިގެން ހުންނެވި ޓްރަމްޕް ވަނީ ބައިޑަންގެ ހާލަތަށް ހަޖޫޖައްސަވައި އެފްބީއައިއަށް މަލާމާތްކުރައްވާފަ އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ ގެއަށް އެފްބީއައި އިން ގުންފައި ޖަހާފައި ވަދެގަތް ގޮތަށް ބައިޑަން ޗުއްޓީ ހޭދަކުރައްވާ ގަނޑުވަރަށް ވަދެގަންނަން ކެރިދާނެތޯ އެވެ.

ޓްރަމްޕް މިހެން ސުވާލުކުރެއްވި ނަމަވެސް، ފެށުނީއްސުރެ ޓްރަމްޕް ގެންގުޅުއްވީ އެފްބީއައިއަށް ހުރަސްއެޅުއްވުމުގެ ސިޔާސަތެކެވެ. އެހެނެއް ކަމަކު ބައިޑަންއާ ގުޅުން ހުރި އެތަން މިތަނުން ދައުލަތުގެ ސިއްރު ލިޔުންތައް ފެންނަމުން ދާއިރުވެސް -- އެފްބީއައިއަށް އެއްބާރުލުން ދެއްވުމުގައި އެއްވެސް ކަހަލަ ހުރަހެއް މެދުވެރި ނުކުރައްވަ އެވެ.