ދުނިޔެ

އޮސްޓްރޭލިއާގައި ގެއްލުނު ރޭޑިއޯއެކްޓިވް ކެޕްސޫލް ހޯދައިފި

އޮސްޓްރޭލިއާގެ މައިނިން ކުންފުންޏެއް ކަމަށްވާ ރިއޯ ޓިންޓޯ އަތުން ގެއްލުނު ރޭޑިއޯއެކްޓިވް "ސީޒިއަމް 137"ގެ ކުޑަ ކެޕްސޫލެއް ކަމާބެހޭ ފަރާތްތަކުން ހޯދައިފި އެވެ.

މި ކެޕްސޫލް ގެއްލުނީ ޖެނުއަރީ މަހުގެ މެދު ތެރޭގައި އޮސްޓްރޭލިއާގެ ޕާތު ސިޓީއަށް ގެންދިއުމުގެ ތެރޭގަ އެވެ. ކެޕްސޫލްގެ ސައިޒަކީ ހަ މިލިމީޓަރު ގުނަ އަށް މިލިމީޓަރެވެ.

ސީޒިއަމް 137 ކެޕްސޫލް ހޯދުމަށްޓަކައި 1،400 ކިލޯމީޓަރު ދިގު މަގެއް ބަލައި ވަނީ ފާސްކޮށްފަ އެވެ. ރޭޑިއޯއެކްޓިވް ސެންސަރުތައް ބޭނުންކޮށްގެން ވެހިކަލްތަކުގައި ހޯދަމުން ދަނިކޮށް ކެޕްސޫލް ފެނިފައި ވަނީ މަގެއްގެ އަރިމަތިންނެވެ.

ރައްކާތެރިކަމާ އެކު ކެޕްސޫލް ގެންދިއުމަށްޓައި ރޭޑިއޯއެކްޓިވް ބޭރުނުވާނޭ ގޮތަށް ވަނީ އަމުލުކޮށްފަ އެވެ. މި ގޮތުން ކެޕްސޫލް ވަށައިގެން 20 މީޓަރުގެ ސަރަހައްދެއް ވަނީ ހުސްކޮށްފަ އެވެ.

ކެޕްސޫލް ގެންދިއުމަށްޓަކައި ވަނީ ރަތުލޮއި ފޮއްޓަކަށް ލައި ވަރަށް ރަނގަޅަށް ބަންދުކޮށްފަ އެވެ. ކެޕްސޫލް އުފުލަން ހަމަޖައްސާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މި ކެޕްސޫލް ހޯދަން އޮސްޓްރޭލިއާގެ އިދާރާތަކުން ކުރި މަސައްކަތްތަކާ މެދު އެ މީހުން ވަރަށް ބޮޑަށް ފަޚުރުވެރިވެ އެވެ. އޮސްޓްރޭލިއާއަށް ލިބިފައި ހުރި ފަންނީ ކުޅަދާނަކަމާ މެދު ވެސް އިދާރާތަކުން އުފާކުރެ އެވެ.

ރޭޑިއޯއެކްޓިވް ކެޕްސޫލް ގެއްލުނު މައްސަލާގައި ރިއޯ ޓިންޓޯގެ ޗީފް އެގްޒެކެޓިވް އޮފިސަަރު، ސައިމަން ޓްރޮޓް ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކެޕްސޫލް ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ.

ސައިމަން ވިދާޅުވި ގޮތުގައި ކެޕްސޫލް ގެއްލުމަކީ ވެގެން ވާނެ ކަމެއް ނޫނެވެ. ސަބަބު އެނގިގެން ހިނގި ކަމަށް ނުވާތީ ބޯއަނބުރާ ގޮތް ވެފައި ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.