ލައިފްސްޓައިލް

ދަރިފުޅު އެއާޕޯޓަށް ދޫކޮށްލާފަ މައިންބަފައިން ފުރަން ހިނގައްޖެ

މަތިންދާބޯޓުގައި ކުޑަކުދިންނާއެކު ދަތުރުކުރުމަކީ ބައެއް މީހުން ވަރަށް ބޮލަށް އުނދަގޫވާ ކަމެކެވެ. ސަބަބަކީ ބޯޓު ތެރޭގައި އެވާ ވަގުތުތަކުގައި ބައެއް ކުދިން ހުއްޓާނުލައި ރޮއި ހަދާތީ އެވެ. ތަންކޮޅެއް ބޮޑެތި ކުދިން މަތިންދާބޯޓުގެ މެދުގައި ހިނގަން އޮންނަ ހަނި މަގުގައި ދުވެ ސަކަރާތްޖަހާތީ ވެސް މީހުންނަށް އުނދަގޫވެގެން ޝަކުވާ ކުރެ އެވެ.

ނަމަވެސް މިފަހަރު ދިމާވީ އެކަހަލަ މައްސަލައެއް ނޫނެވެ. ކުޑަ ކުއްޖެއް ގޮވައިގެން އެއާޕޯޓަށް ފުރަން އައި ދެމަފިރިއަކު އެ ކުއްޖާއަށް ވަކި ޓިކެޓެއް ގަންނަން ޖެހޭނެކަމަށް ޗެކިން ކައުންޓަރުން ބުނުމުން ކުއްޖާ ބަހައްޓާފައި ބޯޓަށް އަރަން ދިޔައީ އެވެ.

ތެލް އަވީވް އިން ބްރަސަލްސް އަށް ދަތުރުކުރަން އޮތް ރަޔަންއެއާގެ ފްލައިޓަކުން މި ދެމަފިރިން ޓިކެޓް ގަން އިރު އެމީހުންގެ ކުޑަ ކުޑަ ދަރިފުޅަށް ޓިކެޓެއް ބޭނުންވާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. އެހެންވެ އެމީހުން ފުރަން އައީ އެ ކުއްޖާއަށް ޓިކެޓު ނުގަނެ އެވެ. އެމީހުން ދަތުރުކުރި އެހެން ބައެއް އެއާލައިންތަކުން ތުއްތު ކުދިންނަށް ހިލޭ ސީޓެއް ދޭ ކަމަށް އެމީހުން ބުނެފައި ވެއެވެ.

ނަމަވެސް ތަފާތު އެއާލައިންތަކުގެ ޕޮލިސީ ތަފާތުވުމުން ބައެއް އެއާލާއިންތަކުން ހިލޭ ސީޓު ދިނަސް ގިނަ އެއާލައިންތަކުން ދަތުރުކުރާ ދެ އަހަރު ނުފުރޭ ކުދިންނަށް ވެސް ޓިކެޓުގެ 10 ޕަސެންޓަށް ވާ ވަރުގެ ފީއެއް ދައްކަން ޖެހެ އެވެ.

ނަމަވެސް ބެލްޖިއަމް ޕާސްޕޯޓްގައި ދަތުރުކުރި މި ދެމަފިރިން ކުއްޖާއަށް ޓިކެޓު ގަންނަން އެއްގޮތަކަށް ވެސް ބޭނުން ނުވިކަމަށް ޖެރޫސަލަމް ޕޯސްޓްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.

މި ކުއްޖާއަށް ޓިކެޓް ނުގަނެވި އޭނާ ގޮވައިގެން ދާން މި ދެމަފިރިން ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން އެގޮތް މިގޮތުން ޕާސްޕޯޓް ކޮންޓްރޯލް އާ ހަމައަށް މި ދެމަފިރިން އެ ކުއްޖާ ގޮވައިގެން ދިޔަ އެވެ. ނަމަވެސް އިމިގްރޭޝަނާ ހަމައިން ކުއްޖާ އެތެރެއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އެންމެ ފަހުން ދެމަފިރިން އެ ކުއްޖާ ސްޓްރޯލާގައި އިން ގޮތަށް ބައިންދާފައި އިމިގްރޭޝަން ޗެކިން ނިންމާ އެތެރެއަށް ވަދެގެން ދިޔައީ އެވެ.

މާ ގިނައިރެއް ނުވެ އެއާޕޯޓް މުވައްޒަފުންނަށް މި ކުއްޖާ އެތާ އެކަނި އޮތްކަން ފާހަގަ ކުރެވުނެވެ. އަދި މި ދެމަފިރިން އެމީހުންގެ ދަރިފުޅު އެއާޕޯޓު ތެރެއަށް ދޫކޮށްލާފައި ބޯޓަށް އަރައިގެން ދާން އުޅެނީކަން އެނގިގެން ފުލުހުންނަށް މިކަން އެންގި އެވެ.

މި މީހުން ބޯޓަށް އަރައި ނައްޓާލުމުގެ ކުރިން ފުލުހުން އައިސް ވަނީ އެމީހުން ހައްޔަރުކޮށްފަ އެވެ.

ރަޔަންއެއާގެ މެނޭޖަރު ބުނި ގޮތުގައި އެ އެއާލައިންގެ ޑެސްކްގައި އެ ވަގުތު ތިބި ހުރިހާ ސްޓާފުންނަށް ހީނުކުރާ ވަރުގެ ބޮޑު ޝޮކެއް މިކަމުން ލިބުނެވެ. ކުޑަ ކުއްޖާއަށް ދައްކަން ޖެހޭ ކުޑަ ފީއެއް ނުދައްކަން ވެގެން ތުއްތު ކުއްޖަކު އެކަނި މާއެކަނި އެއާޕޯޓަކަށް ދޫކޮށްލާފައި އެ ކުއްޖާގެ މަންމަ އާއި ބައްޕައަށް ދާން ކެރުނީމަ އެވެ.

"އަހަރެމެން މީގެ ކުރިން ދުވަހަކުވެސް މިފަދަ ކަމެއް ނުދެކެން. އަދި ބުއްދިއަށް ގަބޫލުކުރަން ވެސް ދަތިކަމެއް މި މީހުން މި ކުރީ،" މެނޭޖަރު ބުންޏެވެ.