އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ޓީމަކަށް މެންޗެސްޓާ ޔުނައިޓެޑް ވެއްޖެ އެވެ.
ޔުނައިޓެޑް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. މި ދެޓީމު ފޮރެސްޓް ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 3-0 އިންނެވެ. ދެ މެޗުގެ އެގްރިގޭޓުން ޔުނައިޓެޑަށް ކުރި ލިބުނީ 0-5 ގެ ބޮޑު ތަފާތަކުންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ކްލަބް ނިއުކާސަލް ޔުނައިޓެޑް ފައިނަލުގެ ޖާގައެއް ހޯދީ ދެ ލެގުގެ އެގްރިގޭޓުން ސައުތެމްޓަން ބަލިކޮށްގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު ސައުތެމްޓަން ދަނޑުގައި ނިއުކާސަލް މޮޅުވީ 1-0 އިންނެވެ. އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ސެމީ ކާމިޔާބުކުރީ 1-2 އިންނެވެ. ނިއުކާސަލް ފައިނަލަށް ދިޔައީ 1-3 ގެ އެގްރިގޭޓުން މޮޅުވެގެންނެވެ.
ރޭގެ މެޗަށް ޔުނައިޓެޑް ނެރުނު ފުރަތަމަ އެގާރައިގައި ޑޭވިޑް ޑެހެއާގެ ބަދަލުގައި ހިމެނީ ބަދަލު ގޯލްކީޕަރު ޓޮމް ހީޓަން އެވެ. މެޗުގައި ފޮރެސްޓުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ހީޓަން މަތަކުރި އެވެ.
ޔުނައިޓެޑުން ފޮރެސްޓް ކޮޅަށް ދެ ގޯލު ވެސް ޖެހީ ފަހުކޮޅު އެވެ. 73 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑްގެ އެހީގައި ފުރަތަމަ ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ. ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖެހީ ފްރެޑް އެވެ. މި ގޯލު ޖަހަން ވެސް އެހީވީ ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް އެވެ.
މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ގިނަ ދުވަސްތަކަކަށް ފަހު ޖޭޑަން ސަންޗޯ ޔުނައިޓެޑް ޓީމުން ފެނުމެވެ. ސަންޗޯގެ ފަރާތުން ދަށް ކުޅުމެއް ފެންނާތީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްގެ ޓީމުން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން ސަންޗޯ ނުފެނެ އެވެ. މިދިޔަ ދުވަސްތަކުގައި ސަންޗޯ މަސައްކަތްކުރީ އަމިއްލަ ޓްރެއިނިން ޕްރޮގްރާމެއްގަ އެވެ. އެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު އަލުން ޓީމާ ގުޅި ރޭގެ މެޗުގައި ސަންޗޯ ކުޅެން އެރީ ބެންޗުންނެވެ.
ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ލިބުނީ 2017 ވަނަ އަހަރު އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އެ އަހަރު ޔޫއެފާ ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބުކުރި އެވެ. އޭގެފަހުން މިދިޔަ ދުވަސްތަކުގައި ޔުނައިޓެޑަށް ތައްޓެއް ނުލިބޭތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު މި ސީޒަނުގައި އެޓީމު އަދިވެސް އަންނަނީ ހުރިހާ މުބާރާތެއްގައި ވާދަކުރަމުންނެވެ.