އެމްޑީޕީ

ފިކުރެއް ދިރުވަން ފުރަނީ އެމްޑީޕީގެ ގޮފި ފޯމެއް ނޫން

"ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ގޮތްޕެއް ހެދުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ފުރަމުން ގެންދާ ފޯމަކީ އެމްޑީޕީގެ ގޮފި ހަދާ ފޯމު ނޫންކަން ހާމަވެއްޖެ އެވެ.

ރައީސް ނަޝީދުގެ ރަސްމީ ފޭސްބުކް ކެމްޕޭން ޕޭޖުގައި ހާމަކޮށްފައިވާ ފޯމުތަކުގެ ފޮޓޯއިން ފެންނަ ގޮތުގައި "ފިކުރެއްގެ ދިރުން" ގޮފި އުފައްދާ ފޯމުތަކުގައި އެމްޑީޕީގެ ލޯގޯ އަދި އެމްޑީޕީގެ ނަމެއް ވެސް ނެތެވެ.

ފޯމް ބަލައިގަންނާނީ ފިކުރެއްގެ ދިރުން އޮފީހުން ކަމަށް ވެސް ބުނެފައިވެ އެވެ. ފޯމުގައި ޖަހާފައިވަނީ ގ. ކެނެރީގެ އެވެ. މިގޮތުން އެ ފޯމަކީ ނަޝީދުގެ ފެކްޝަނުން ގޮފި އުފައްދަން މައުލޫމާތު ނަގަން ފުރާ ފޯމެއް ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އަވަސް އަށް ވިދާޅުވީ، އެމްޑީޕީގެ ގޮފި އުފައްދާ ފޯމުގައި އެ ޕާޓީގައި ނަމާއި ލޯގޯ އަދި ގޮފީގެ ދާއިރާ ހިމެނޭނެ ކަމަށެވެ. އަދި އެ ގޮތްޕެއް ރަޖިސްޓްރީކޮށްފައިވާ ގެއާއި ގޮފީގެ ރައީސް ހާމަވާހެން އިނގެން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ގޮތްޕެއް އުފައްދަން ފުރަންޖެހޭ ފޯމުގަ ޕާޓީގެ ލޯގޯޔާ ނަން އިންނާނެ. އެނޫނީ އެމްޑީޕީގެ ގޮތްޕެއް އުފައްދާނީ ކިހިނެއްތޯ؟،" އިބުރޭ ވިދާޅުވި އެވެ.

މިގޮތުން ރައީސް ނަޝީދު ފުރުއްވާ ފޯމުތަކަކީ އެމްޑީޕީގެ ގޮތްޕެއް އުފެއްދޭނެ ފޯމުތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ އެ ފޯމުތައް ޕާޓީއަށް ހުށަހެޅުމުން ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމާއި ގުޅިގެން އެ ޕާޓީގެ ރައީސް ނަޝީދު އަންނަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮތްޕެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ގޮތްޕަށް 50،000 މީހުން ހަމަކުރާނެ ކަމަށާއި އެމްޑީޕީން ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިގޮތުން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއިއެކު ރޭ މއ. ބޮޑުފެންވަޅުގޭގައި ފޯމުގައި ސޮއި ކުރުމުގެ ހަރަކާތެއް ބާއްވާފަ އެވެ.