ފިނިޕޭޖް

"ޑޮންކީ"ގެ ރޯލު އަނެއްކާ ކުޅެން އެޑީ މާފީ ތައްޔާރު

އެކްޓަރު އަދި ކޮމެޑިއަން އެޑީ މާފީ "ޝްރެކް"ގެ "ޑޮންކީ" ކުޅެން އަނެއްކާވެސް ތައްޔާރުކަމަށް ބުނެފި އެވެ.

އުމުރުން 61 އަހަރުގެ އެޑީ މިހެން ބުނެފައިވަނީ އީޓޯކްއަށް ދިން އިންޓަވިއުއެއްގަ އެވެ.

އެޑީ ބުނީ "ޝްރެކް"ގެ އިތުރު ފިލްމެއް ހަދާނަމަ ދެ ސިކުންތު ތެރޭގައި ޑޮންކީއަށް ވާނަން ކަމަށާއި ޑޮންކީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. ޝްރެކްގެ އަޑު އެޅި މައިކް މަޔާސްވެސް އެކަމަށް ތައްޔާރުކަމަށް މީގެ ކުރިން ބުނެފައިވެ ޗއެވެ.

އެޑީ، "ޑޮންކީ"ގެ ރޯލް އަދިވެސް ފުރުސަތު ލިބިއްޖެޔާ ކުޅޭނެކަމަށް ބުނެފައިވާއިރު، މިދިޔަ މަހު "ޝްރެކް" ފިލްމްގައި އުޅުނު އެންޓޯނިއޯ ބެންޑޭރާސްގެ "ޕުސް އިން ބޫޓްސް" ކެރެކްޓާގެ ސްޕިން-އޮފް ފިލްމްގެ ސިކުއެލް، "ޕުސް އިން ބޫޓްސް: ދަ ލާސްޓް ވިޝް" ވަނީ ރިލީޒްކޮށްފަ އެވެ.

މި ފިލްމު ވިޔަފާރީގެ ގޮތުން ބަލާއިރު ވަރަށް ކާމިޔާބު ކަމާއެކު ހިނގާ، ކުރިއަށް އޮތް އެކަޑަމީ އެވޯޑްގެ "ބެސްޓް އެނިމޭޓަޑް ފީޗާ ފިލްމް" ކެޓަގަރީއަށް ވަނީ ނޮމިނޭޓްވެފަ އެވެ.

އެޑީ މާފީ

2001 ވަނަ އަހަރު "ޝްރެކް" ފިލްމް ފްރެންޗައިޒްގެ ފުރަތަމަ ފިލްމުން ތައާރަފްވި "ޑޮންކީ"ގެ ކެރެކްޓަރަށް އެޑީ އަޑުއަޅާފައިވަނީ ފޭނުން ވަރަށް މަގުބޫލުވި ގޮތަކަށެވެ. މިގޮތުން އެޑީ "ޝްރެކް"ގެ ހަތަރު ފިލްމާއި ކުރު ފިލްމްތަކަށް އަޑުއަޅާފައިވެ އެވެ.

އެޑީގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ކަމިން ޓު އެމެރިކާ" ފިލްމްތައް، "ބެވަލީ ހިލްސް ކޮޕް" ފިލްމްތައް، "ދަ ނަޓީ ޕްރޮފެސަރު" ފިލްމްތައް، "ޑރ. ޑޫލިޓްލް"، "ޑެޑީ ޑޭކެއާ"ގެ ދެ ފިލްމް، "ޑްރީމް ގާލްސް" އަދި "ހޯންޓަޑް މޭންޝަން" ހިމެނެ އެވެ. މީގެ އިތުރުން އެޑީ ވަނީ 1998 ގައި ޑިޒްނީ އިން ނެރުނު "މުލާން"ގެ ޑްރޭގަން މޫޝޫގެ އަޑު އަޅާފަ އެވެ.