އެމެރިކާ އާއި ފިލިޕީންސްއާ ދެމެދު އޮންނަ އަސްކަރީ އެއްބަސްވުން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޯއިޑް އޮސްޓިން އާއި ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއައާ ދެމެދު ބޭއްވުނު ވާހަކަތަކަށްފަހު، މި އެއްބަސްވުން ފުޅާކުރުމާއެކު ފިލިޕީންސްގެ ނުވަ އަސްކަރީ މަރުކަޒެއް އެމެރިކާއަށް ހުޅުވާލައިފި އެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ފިލިޕީންސާއި އެމެރިކާގެ މި އެއްބަސްވުމުގެ ދަށުން އިތުރު ހަތަރު މަރުކަޒެއް އެމެރިކާ ސިފައިންނަށް ހުޅުވުލާމަށް ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައިވެ އެވެ. އަސްކަރީގޮތުން ޒަމާންވީ ގާތް ގުޅުމެއް އޮންނަ މި ދެ ގައުމުގެ ބޭނުމަކީ ޗައިނާގެ އަސްކަރީ ކުރިއެރުން އޮބަހެއްޓުމެވެ.
މި އެއްބަސްވުން ފުޅާކުރެވުނީ ސްޓްރެޓެޖިކް ގުޅުން ފުޅާކުރުމަށްޓަކައި ވާހަކަތައް ބޭއްވުމަށް އޭނާ ފިލިޕީންސަށް ކުރެއްވި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއައާ އެކު ބޭއްވުނު ވާހަކަތަކުގައެވެ.
ވޭތުވެދިޔަ ތަނުގައި ގޯސްވެފައި އޮތް ދެގައުމުގެ ގުޅުން އަލުން ރަނގަޅުކުރުމުގެ މިވާހަކަތައް މި ބޭއްވުނީ ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދުވަސްވަރު، ފިލިޕީންސްގެ ކުރީގެ އިސްތިއުމާރީ ބާރު އެމެރިކާ އަށް އިސްކަން ނުދީ ޗައިނާއާ ގާތްގުޅުމެއް ބޭއްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ.
ނަމަވެސް ރައީސް މާކޯސް ޖޫނިއަ މިހާރު މިވަނީ ޗައިނާއާ އެކު ކުރީގައި އޮތް ގުޅުން ބަދަލުކޮށް އެމެރިކާ ކޮޅަށް އަނބުރާލައްވާފަ އެވެ.
އަވަށްޓެރި ގައުމުތަކާ ޗައިނާއާ ދެމެދު މައްސަލަ ބޮޑުވެފައިވާ ދެކެނު ޗައިނާ ކަނޑުގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށް ބާރުގަދަ ކުރަމުންދާ ދިއުން ވެފައިވަނީ އެމެރިކާއާއި ފިލިޕީންސްގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބާރަކަށެވެ.
ޓައިވާނާ އަދި ވަށައިގެންވާ ކަނޑުތަކާއި ފިލިޕިންސާ ދެމެދު އޮންނަ ދުރުމިންތައް ކައިރިވުމުގެ ސަބަބުން ފިލިޕީންސްގެ ގުޅުން އެމެރިކާއަށް ވަރަށް މުހިންމެވެ. ޗައިނާއާއި އެމެރިކާގެ އަސްކަރީ ކުރިމަތިލުމަކަށް ގޮސްފިނަމަ ފިލިޕީންސްގެ މުހިންމުކަން އެމެރިކާއަށް ބޮޑުވަނީ މިސަބަބާ ހެދި އެވެ. ދާދި ފަހުން އެމެރިކާގެ ހަތަރު ތަރީގެ ޖެނެރަލަކު ވިދާޅުވެފައިވަނީ އެމެރިކާއާއި ޗައިނާގެ މިފަދަ އަސްކަރީ ކުރިމަތިލުމެއް 2025 ވަނަ އަހުރުގެ ކުރިން ހިނގާފާނެ ކަމަށް ބުނެފެ އެވެ.
ދެގައުމުގެ ޑިފެންސް އޮފިޝަލުން ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ދެގައުމުގެ ދެމެދުގައި އޮތް ޑިފެންސް ކޯޕަރޭޝަން ފުޅާކުރުމުގެ އެއްބަސްވުމުގެ ދަށުން ހުރިހާ ކަމެއް ބާރު ސްޕީޑްގައި ތަންފީޒު ކުރުމަށް އެއްބަސްވެ، އެއިގެ ދަށުން ދެ ގައުމަށް މުހިންމު ސްޓްރެޓެޖިކް ސަރަހައްދުތަކުގައި ހުރި އިތުރު ހަތަރު އަސްކަރީ މަރުކަޒުތަކަކަށް އެމެރިކާ އަށް ހުޅުވާލުން ދެގައުމުން ފަހުރާއެކު އިއުލާންކުރާ ކަމަށެވެ."
ސަލާމަތީ ކަންކަމުގައި ފިލިޕީންސަކީ އެމެރިކާގެ ޒަމާންތަކެއްވެފައިވާ ބައިވެރިއެކެވެ. މި އޮންނަ ގުޅުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ޑިފެންސް މުއާހަދާއެއްގެ އިތުރުން 2014ގައި ގާއިމުކުރެވުނު އެއްބަސްވުން ހިމެނެއެވެ. މީގެ ދަށުން ފިލިޕީންސްގެ ފަސް އަސްކަރީ މަރުކަޒެއް އެމެރިކާގެ ސިފައިންނަށް ހުޅުވާލިއިރު ދެކެނު ޗައިނާ ކަނޑުގެ ސަރަހައްދު ކައިރީ މަރުކަޒުތައްވެސް ހިމެނެއެވެ.
މި މަރުކަޒުގަތކުގައި އެމެރިކާގެ ހަތިޔާރުތައް ގުދަން ކުރުމާއި ސަޕްލައި ކުރުމުގެ ޖާގަ ދީފައިވެއެވެ. 2014 ގައި ވެވުނު އެއްބަސްވުން ކުރީގެ ރައީސް ޑުޓާޓޭ ހުއްޓުވާލާފައިވާއިރު ރައީސް މާކޯސް މިވަނީ މިކަން ބާރަށް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އަލަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ފިލިޕީންސް އާކިޕެލަގޯގެ ނުވަ އަސްކަރީ މަރުކަޒެއް އެމެރިކާއަށް ހުޅުވިގެން ދާނެ އެވެ.
މިހާތަނަށް އަލަށް ހުއްދަ ދިން މަރުކަޒުތައް ހުރި ތަންތަން ހާމަކޮށްފައި ނުވިޔަސް ރިޕޯޓް ކޮށްފައިވަނީ އެމެރިކާއަށް ހުޅުވާލެވުނު އައު މަރުކަޒުތައް ހުރީ މައި ރަށެއް ކަމަށްވާ ލުޒޮން ގައި ކަމުގައެވެ. ލުޒޮން އަކީ ޓައިވާނާއި އެންމެ ގާތުގައިވާ ފިލިޕީންސްގެ ސަރަހައްދަށްވާއިރު މިތަނުގައި މިހާރުވެސް އެމެރިކާއަށް ހުޅުވާލެވިފައިވާ ދެ މަރުކަޒެއް ހުރެއެވެ. ހަތަރުވަނަ މަރުކަޒަކަށްވާނީ ހުޅަނގުބިތުގައިވާ ޕަލަވާން ކަމަށްވުން ބެލެވޭއިރު މިހާރުވެސް ދެ މަރުކަޒެއް އެމެރިކާ ސިފައިން އެރަށުގައި ބޭނުން ކުރަމުންދެއެވެ. އަދި ލުޒޮން އަކީ އެންމެ މައްސަލަ ހޫނުވެފައިވާ ސްޕްރެޓްލީ އައިލެންޑްސް ކުރިމައްޗަށްވާ ގޮތަށް އޮންނަ ރަށެކެވެ.
ރައީސް މާކޯސް އާއެކު ބޭއްވުނު ވާހަކަތަކުގެ ތެރޭގައި ޑިފެންސް ސެކްރެޓަރީ އޮސްޓިން ވަނީ ފިލިޕީންސް އަކީ އމެރިކާގެ "މުހިންމު ބައިވެރިއެއް" ކަމަށް ވިދާޅުވެފައެވެ.
ސެކްރެޓަރީ އޮސްޓިން އިތުރަށް ވިދާޅުވެފައިވަނީ ފިލިޕީންސް ގެ އަސްކަރީ ގާބިލްކަން ތަރައްގީކޮށް ޒަމާނަށް ފައްތަން އެހީވާނެކަމަށާއި ދެ އަސްކަރިއްޔާގެ ދެމެދުގައި ކަންކަން އިތުރަށް ފަސޭހައިން ހިންގޭނެމަގު ތަނަވަސް ކޮށްދެއްވާނެކަމަށެވެ.
ރައީސް މާކޯސް އެމެރިކާއާއި ޗައިނާއާއި އެކު އޮންނަ ގުޅުން އެއްމިނެއްގައި ހަމަހަމަކޮށް ގެންގުޅެވޭތޯ ބައްލަވާއިރު ޗައިނާއިން މެނީލާގެ ކަނޑުގެ ސަރަހައްދީ ހައްގުތަކަށް އިހުތިރާމް ހޯއްދަވާނެކަމަށް ވިދާޅުވެފައިވެއެވެ.
އެމެރިކާގެ އޮފިޝަލަކު ދާދިފަހުން ވިދާޅުވެފައިވަނީ ަބއިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް އަމަލުކުރުމަށް ޗައިނާއިން ކޮންމެދުވަހަކު ފިލިޕީންސް އަށް ޕްރެޝަރު ކުރިމަތިކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމެރިކާއިން ފިލިޕީންސް ގެ ދިފާއު ވަރުގަދަކޮށް ސިޔާދަތު އަމިއްލައަށް ހިމާޔަތް ކުރުމުގެ ގާބިލްކަން ކަށަވަރުކޮށްދޭނެކަމަށެވެ.
އަސްކަރީ ތަމްރީނުތަކާއި އަސްކަރީ އެހެނިހެން ގުޅުންތަކުގައި އެމެރިކާގެ 500 އެއްހާ ސިފައިން މިވަގުތު ފިލިޕީންސް ގައި ހަރަކަާތްތެރިވަމުން ގެންދެއެވެ.
ޗައިނާއިން މުޅި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަން ހިންގާއިރު، ޗައިނާގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އެކަނޑަށް ނެތް ކަމަށް ދި ހޭގް އިން އަންގާފައިވާ އެންގުމަށް ޗައިނާއިން ވަނީ ބޮލާލައި ޖަހާފައެވެ.
ފިލިޕީންސް އާއި، ވިއެޓްނާމް، މެލޭޝިއާ އަދި ބުރުނާއީ އިންވެސް ދެކެނު ޗައިނާ ކަނޑުގެ މިލްކްވެރިކަމަށް ދައުވާ ކުރެއެވެ.
ޗައިނާއިން އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާންގެ މިލްކުވެރިކަމަށް ދައުވާ ކުރާއިރު، ބާރުގެ ބޭނުން ކުރަން ޖެހުނަސް ވިޔަސް، ކޮންމެވެސް އެއްދުވަހަކުން ޓައިވާން ޗައިނާގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށަށް ގެނައުމަށް ދައުވާ ކުރެއެވެ.
އެމެރިކާއަށް އަލަށް މި ހުޅުވާލެވުނު މަރުކަޒުތައް ހުރި ސަރަހައްދަށް ބަލާއިރު މިކަމަކީ މުސްތަގުބަލުގައި ޓައިވާން ގެ މައްސަލައަށްވާ ގޮތަކާއި ގުޅުން ހުރިކަމެއްކަން ދޭހަވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.