ފިނިޕޭޖް

10 ސީޒަނަށްފަހު "ބްލެކްލިސްޓް" ނިންމާލަނީ

އެންބީސީގެ ކާމިޔާބު ސީރީޒް -- "ބްލެކްލިސްޓް" 10 އަހަރަށްފަހު ނިމުމަކަށް އަންނަނީ އެވެ.

މިއީ ފޭނުން ހިތާމަކުރާނެ ހަބަރަކަށް ވީނަމަވެސް، މި ޝޯގެ އެގްޒެކްޓިވް ޕްރޮޑިއުސާ ޖޯން އައިސެންޑްރެތް ބުނީ 10 އަހަރާއި އެކު އެތައް ސަތޭކަ ބްލެކްލިސްޓް ކޭސްތަކާއި 200 އަށް ވުރެ ގިނަ އެޕިސޯޑަށް ފަހު ނިމުމަކަށް އައުމަކީ ޝަރަފެއް ކަމަށެވެ.

ޖޭމްސް ސްޕޭޑާގެ މޮޅު އެކްޓިންއާ އެކު ކުރިއަށް ދިޔަ މި ސީރީޒް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ކުރީގެ ޔޫއެސް ނޭވަލް އިންޓެލިޖަންސް އޮފިސަރަކުން ކްރިމިނަލް މާސްޓާމައިންޑަކަށް ބަދަލުވި ރޭމަންޑް "ރެޑް" ރެޑިންގްޓަން އަށާއި އެފްބީއައި އޭޖެންޓް އެލިޒަބެތް ކީން އަށެވެ.

މީގެ އިތުރުން އެލިޒަބަތްގެ ސްޕެޝަލް ޓާސްކް ފޯސް މެމްބަރުންވެސް މުހިއްމު ރޯލް އަދާކުރެ އެވެ.

މިގޮތުން "ބްލެކްލިސްޓް" ގައި ޖޭމްސް ސްޕޭޑާ އަދާކުރަނީ ރެޑްގެ ރޯލެވެ. އަދި އެލިޒަބަތްގެ ރޯލް މޭގަން ބޫން އަދާކުރާއިރު މި ޝޯގެ ދާއިމީ ކާސްޓްގެ ތެރޭގައި ޑިއޭގޯ ކްލެޓެންހޮފް، ހެރީ ލެނިކްސް، ޕަރްމިންޑަރް ނާގްރާ، އާމިރް އަރިސަން، މޮޒްހާން މާނޯ އަދި ހިޝާމް ތައުފީގު ހިމެނެ އެވެ. ރަޔާން އެގޯލްޑް ވަނީ އެލިޒަބަތްގެ ފިރިމީހާގެ ރޯލު ފަސް ސީޒަނަށް އަދާކޮށްފަ އެވެ.

ޖޮން ބޮކެންކޭމްޕް އުފެއްދި މި ސީރީޒްގައި ރެޑް އަކީ އެފްބީއައިން ހޯދަމުންދާ ކްރިމިނަލް ނެޓްވޯކެއް ގެންގުޅޭ މީހެކެވެ.

އޭނާ އެފްބީއައި އާއެކު ޑީލެއް ހަދައި، ބްލެކްލިސްޓްގައިވާ ކުށްވެރިން ހޯދުމަށް އެހީތެރިވެ އެވެ. އޭނާގެ ޝަރުތުތަކުގެ ތެރޭގައި އޭޖެންޓް އެލިޒަބަތް ކީން އެ ޓާސްކްފޯސްއަށް ގެނައުން ހިމެނެ އެވެ. ސީޒަން ނުވައެއްގައި ޕްލޮޓް ކޮންމެވެސް ވަރަކަށް ބަދަލުވެގެންދެ އެވެ.

"ބްލެކްލިސްޓް" 10 ވަނަ ސީޒަން ދައްކަން ފަށާނީ މިމަހު 26 ވަނަ ދުވަހު އެެވެ. އަދި އަންނަ މަހުގެ 19 ވަނަ ދުވަހު މިޝޯގެ 200 ވަނަ އެޕިސޯޑް ފާހަގަކުރާނެ އެވެ.