ރޭ އަވަހާރަވި ސައޫދީ ރަސްފާނުގެ އަބްދުﷲ ބިން އަބްދުލް އަޒީޒް، އެ ގައުމުގެ ވެރިރަށް ރިޔާޟްގައި މިއަދު ފަސްދާނުލައިފި އެވެ.
އާދަކާދައިގެ މަތިން ރަސްގެފާނު ފަސްދާނުލާފައި ވަނީ ވަރަށް އާދައިގެ ރަސްމިއްޔާތަކަށް ފަހުގަ އެވެ. އަދި އަބްދުﷲގެ ބޭބޭފުޅު، ކުރީގެ ރަސްގެފާނު ފަހްދު ބިން އަބްދުލް އަޒީޒްގެ މަހާނަ ވެސް ފާހަގަކޮށްފައި ނުވާއިރު އަބްދުﷲގެ މަހާނާގައި ވެސް ފާހަގަކުރާނެ ގޮތެއް ހަދައިފައެއް ނުވެ އެވެ. އަދި އަބްދުﷲ ވެސް ފަސްދާނުލާފައި ވަނީ އާންމު ސަހަރާއެއް ކަމަށްވާ އަލްއޫދުގަ އެވެ.
ފަހްދު ރަސްގެފާނު 2005 ވަނަ އަވަހާރަ ވުމުން ވެސް ބާއްވާފައި ވަނީ ވަރަށް އާދައިގެ ޖަނާޒާއެކެވެ.
އަބްދުﷲ ރަސްގެފާނު އަވަހާރަވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ސަހަރާ އަށް ގެންގޮސްފަ އެވެ.
ނިއުމޯނިއާ ޖެހި، ފުއްޕާމެއަށް ހޮޅިއެއް ލައްވައިގެން ނޭވާލަމުން ގެންދާާތާ ދެ މަހެއްހާ ދުވަސް ފަހުން އުމުރުން 90 ވަރަކަށް އަހަރުގައި އަވަހާރަވި ރަސްގެފާނުގެ ޖަނާޒާގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި ސޫދާންގެ ރައީސް އުމަރު ހަސަން އަލް ބަޝީރާއި މިސްރުގެ އިބްރާހިމް މަހްލަބް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ގަލްފުގެ އެކި ގައުމުތަކުގެ ވެރިން ވެސް ޖަނާޒާގައި ބައިވެރިވެ ވަޑައިގަތެވެ.
އަބްދުﷲ އަވަހާރަވުމާ އެކު އެމަނިކުފާނުގެ އެއްބަފާ ކޮއްކޮ ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދު، 79، ވަނީ ރަސްކަމަށް އިސްކޮށްފަ އެވެ.