ފިނިޕޭޖް

"ޔޫފޯރިއާ"ގެ ކްލޮއީ ޗެރީއަށް ވައްކަމުގެ ދައުވާ

"ޔޫފޯރިއާ" ސީރީޒްގެ އެކްޓްރެސް ކްލޮއީ ޗެރީ އަށް ވައްކަމުގެ ދައުވާއެއް ކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ކްލޮއީ އަށް ކުރާ ދައުވާ އަކީ "މިސްޑިމީނާ ތެފްޓް" އެވެ. އެއީ އޭނާ ދިރިއުޅޭ ޕެންސިލްވޭނިއާގެ ލެންކާސްޓާގައި ހުރި ބިލްޑިން ކެރެކްޓާ ޝޮޕިން ސެންޓަރުގެ ފިހާރައަކުން 28 ޑޮލަރަށްދޭ ބްލައުސްއަކަށް ފައިސާ ނުދައްކާ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ގެންދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ފިހާރައިގައި ހުރި ހެއްކެއް ބުނާ ގޮތުގައި ކްލޮއީ އެ ބްލައުޒް ހިފައިގެން ޑްރެސިން ރޫމްއަށް ވަނެވެ. ދެން އެތަނުން ނިކުމެ އޭނާ އެހެން ހެދުންތަކަށް ކްރެޑިޓް ކާޑުން ފައިސާ ދެއްކިއިރު އެ ބްލައުސްއަށް ފައިސާ ނުދައްކާ ދާން އުޅުނެވެ. އަދި ފުލުހުން އައިސް ސުވާލުކުރުމުން އޭނާ އެއަށް ފައިސާ ނުދައްކާ ކަމަށް ބުނެ އެ ބްލައުސް އަނބުރާ ދިން ކަމަށެވެ.

މިކަމާ ގުޅިގެން ލެންކާސްޓާ ސިޓީ ބިއުރޯ ޕޮލިސް އާއި ކްލޮއީގެ ވަކީލު އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެންނަމަވެސް ކްލޮއީގެ ރެޕް ޓީއެމްޒީއަށް ބުނީ އެއީ ތެދެއް ނޫން ކަމަށާއި ކްލޮއީ އެފަދަ ކަމަކަށް އެއްބަސް ނުވާ ކަމަށެވެ. އަދި އެއީ ކްލޮއީ ފަދަ ސެލެބްރިޓީއެއްގެ ނަން ބޭނުންކޮށްގެން ފައިދާ ނެގުމަށް ފިހާރައިން ކުރާ ކަމެއް ކަމަށެވެ.

ކްލޮއީގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން އޮންނާނީ މިމަހުގެ 22 ބަނަ ދުވަހު އެވެ.