ކުޅިވަރު

ރެއާލުން ވެލެންސިއާ ބަލިކޮށް ބާސެލޯނާއާ ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ 0-2 އިން ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ފަސް ޕޮއިންޓަށް ކައިރިކޮށްފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު ބާސެލޯނާ އެއްވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑެއްގަ އެވެ. ބާސެލޯނާ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު ރެއާލް ވަނީ 19 މެޗުން 45 ޕޮއިންޓް ހަމަކޮށްފަ އެވެ. ރެއާލް އާއި ބާސެލޯނާއާ ދެމެދު މިދިޔަ ހަފްތާ ފަރަގު ބޮޑުވީ ރެއާލް ސޮސިއެޑާޑުން ރެއާލް މެޑްރިޑާ އެއްވަރު ކުރުމުންނެވެ.

ސޮސިއެޑާޑް 39 ޕޮއިންޓާ އެކު ތިންވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ 34 ޕޮއިންޓް ލިބިފައިވާ އެތުލެޓިކޯ މެޑްރިޑެވެ.

ރޭގެ މެޗުގައި ރެއާލްގެ ދެގޯލު ވެސް ޖެހީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ފުރަތަމަ ގޯލު 52 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ޖެހިއިރު ފަހު ގޯލު އޭގެ ދެމިނެޓު ފަހުން ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. މިއީ ރެއާލްގެ ޖާޒީގައި ވިނީޝަސް ޖޫނިއާ ކުޅުނު 200 ވަނަ މެޗެވެ.

ވެލެންސިއާގެ ގަބްރިއެލް ޕައުލިސްޓާ އަށް 72 ވަނަ މިނެޓުގައި ސީދާ ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ޕައުލިސްޓާ އަށް ރަތް ކާޑު ދެއްކީ ވިނީޝަސް އަށް ކުރި ނުރައްކާތެރި ފައުލަކުންނެވެ.

ދެ ގޯލު ޖެހިތާ އިރުކޮޅެއް ފަހުން ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާގެ ފަލަމަސްގަނޑަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ބެންޒެމާގެ އަނިޔާ ސީރިއަސް ނޫން ކަމަށެވެ.

"ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހޭއިރު މިކަހަލަ އަނިޔާ ކުރިމަތިވާނެ އަދި ބައެއް ފަހަރަކު ރިކަވަރީ އަށް ފުރުސަތު ނުލިބޭނެ" އަންޗެލޮޓީ ބުންޏެވެ.

ރެއާލް މި މަހު ކުޅޭ އެންމެ މުހިއްމު މެޗުގައި 21 ވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ. ފުރަތަމަ ލެގްގެ މެޗު ލިވަޕޫލް ދަނޑުގައި ކުޅޭއިރު މި ދެޓީމު މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށް ތަށި ހޯދީ ރެއާލް އެވެ.