ކުޅިވަރު

މިލިއަނުން ހަރަދުކުރި ޗެލްސީ އަށް ފުލަމް ބަލިނުކުރެވުނު

ފިނިމޫސުމުގެ ޓްރާންސްފާ ބާޒާރުގައި މިލިއަނުން ހަރަދުކުރި ޗެލްސީ އިން ރޭ އަމިއްލަ ދަނޑުގައި ފުލަމްއާ ވާދަކޮށް 0-0 އިން އެއްވަރުވެއްޖެ އެވެ.

މި ސީޒަނުގައި ކުޅުންތެރިންނަށް އެންމެ ބޮޑު ހަރަދެއް ކުރީ ޗެލްސީ އިންނެވެ. އާ އޯނަރާ އެކު ނިމުނު ޓްރާންސްފާ ބާޒާރުގައި ވެސް ޗެލްސީ އިން ކުރި ހަރަދު 288 މިލިއަނަށް އަރަ އެވެ.

ރޭ ފުލަމްއާ އެއްވަރުވި މެޗުގައި ޗެލްސީ އިން ވަނީ އާ ބައެއް ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ. އޭގެތެރޭގައި ޕްރިމިއާ ލީގުގެ ރެކޯޑް އަގަކަށް ޗެލްސީ އަށް މިދިޔަ މަހު ބަދަލުވި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ފާހަގަކޮށްލެވެ އެވެ. މެޗުން ޗެލްސީ އެއްވަރުވި ނަމަވެސް އެންޒޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ޗެލްސީ އިން ފެށީ މުކައިލޯ މުޑްރިކް އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީގެންނެވެ. އެކަމަކު އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ދެވަނަ ހާފު ޗެލްސީ އިން ފެށީ މުޑްރިކް ބަދަލުކޮށްގެންނެވެ. ދެވަނަ ހާފުގައި ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ވަނީ ނޯނީ މަޑުއެކޭ އާއި ފޯވާޑް ފޮފާނާ އަށް ވެސް ފުރުސަތުދީފަ އެވެ.

ޗެލްސީ ހިފެހެއްޓުމުގައި ފުލަމް އިން މޮޅު ކުޅުމެއް ދެއްކި އެވެ. ފުރަތަމަ ހާފުގައި ފުލަމްގެ އަންދްރައެސް ޕެރޭރާ ފޮނުވާލި ބާރު ބޯޅަ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ މަތަކުރި އެވެ. މެޗުގައި ފުލަމްގެ ގޯލާ އަމާޒުކޮށް ޗެލްސީ އަށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާ އެވެ.

ގްރަހަމް ޕޮޓާގެ ކޯޗުކަމުގައި ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު ލީގުގައި މި އަހަރު އެޓީމަށް އަދި ލިބުނީ އެންމެ މޮޅެކެވެ. ޗެލްސީ މިވަގުތު އޮތީ 21 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ. މި ހަފްތާ ކުޅޭ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީ ފަހަތަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ.