ކުޅިވަރު

ގްރީންވުޑް މައްސަލައިގައި ޓެން ހާގް ވާހާކައެއް ނުދެއްކި

ގެވެށި އަނިޔާ އަށް ތުހުމަތުކުރެވި މިހާރު ކޯޓު އަދަބުން ސަލާމަތްވާނެ ކަމަށް ބެލެވޭ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑްއާ ގުޅޭގޮތުން ވާހަކަދައްކަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ކުޅުންތެރިން މެޗުތަކަށް ފޯކަސް ކުރަން ކަމަށް ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ލޯބިވެރިޔާ އަށް ގެވެށި އަނިޔާކުރުމާއި އޮރިޔާން ކާޑާ ގުޅޭ މައްސަލަތަކެއް ތަހުގީގްކުރަމުން ދާތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީންވުޑް ވަނީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. ކްލަބުން ގްރީންވުޑް ސަސްޕެންޑް ކުރިއިރު އޭނާ ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގްރީންވުޑް މައްސަލައިގެ ވާހަކަ އަލުން ދެކެވެން ފެށީ އޭނާ އަށް ކުރެވޭ ތުހުމަތުގައި ހެކިބަސް ދޭނެ ފަރާތެއް ނެތުމުން ސަލާމަތްވާނެ ކަމަށް މީޑިއާތަކުން މީގެ ދެދުވަސް ކުރިން ރިޕޯޓް ކުރުމުންނެވެ. ގްރީންވުޑް ސަލާމަތްވާނެ ކަމަށް ބެލެވުމުން ފުޓްބޯޅަ ސަޕޯޓަރުންގެ ޝައުގު އުފެދުނީ ގްރީންވުޑްއާ މެދު ޔުނައިޓެޑުން އަމަލުކުރާނެ ގޮތް ހޯދުމަށެވެ.

ގްރީންވުޑް، 21، މައްސަލައިގައި ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނީ ސަސްޕެންޝަން އުވާލާނީ ހުރިހާ ކަމެއް ބެލުމަށް ފަހުގައި ކަމަށެވެ. އެކަމަށް އަދި މުއްދަތެއް ނަގާނެކަމަށް ބެލެވެ އެވެ.

ލީގުގައި ޔުނައިޓެޑުން މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ޓެން ހާގަށް އެ ސުވާލު ކުރިމަތިކުރުވައިފަ އެވެ.

"އަހަރެން ނެތް ބުނާނެ އެއްޗެއް. ކްލަބުން ދިން ބަޔާނާ އެއްގޮތަށް ކުރިއަށްދާނީ. މިވަގުތު އިތުރަށް އެވާހަކަ ދައްކަން ބޭނުމެއް ނޫން" ޓެން ހާގް ބުންޏެވެ.

ޓެން ހާގް އިތުރަށް ބުނީ އެއްވެސް ކަމަކާ ގުޅިގެން ސަމާލުކަން ނުގެއްލޭގޮތަށް ކުޅުންތެރިން ޒިންމާދާރުވާންޖެހޭ ކަމަށެވެ.
"އަހަރެމެން މީ އިންސާނުން. ބައެއް ފަހަރު މައްސަލަތައް ދިމާވާނެ. މިއީ ރޮބަޓުންނެއް ނޫން. އަބަދުވެސް ޖެހޭނެ އަދާކުރާ ވަޒީފާއަށް ސަމާލުކަން ދޭން" ޓެން ހާގް ބުންޏެވެ.

ގްރީންވުޑަށް ޔުނައިޓެޑްގެ ޓީމުން އަލުން ފުރުސަތު ދޭނީ މައްސަލައިގެ ހުރިހާ ކަމެއް ބެލުމަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ ޕެލެސްއާ ދެކޮޅަށް ނުކުންނާނީ ރޭގަނޑު އަށެއް ޖަހާއިރު އެވެ.