ކުޅިވަރު

އާސެނަލުން މާޓިނެލީގެ އެއްބަސްވުން އާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން، އެޓީމަށް ކުޅޭ ބްރެޒިލް ވިންގް، ގެބްރިއެލް މާޓިނެލީގެ އެއްބަސްވުން އާކޮށްފި އެވެ.

އެންމެ ހަ މިލިއަން ޕައުންޑަށް މާޓިނެލީ އާސެނަލަށް ބަދަލުވީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގަ އެވެ. އުމުރުން 21 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ އޭރު ހުރީ ބްރެޒިލްގެ ކްލަބް އިޓުއާނާގަ އެވެ. އޭގެކުރިން 2010 ވަނަ އަހަރު މާޓިނެލީ ފުޓްބޯޅަ ކެރިއަރު ފެށީ ބްރެޒިލްގެ ކޮރިންތިއަންސް އިންނެވެ.

އާސެނަލަށް ބަދަލުވެ މިހާތަނަށް މާޓިނެލީ ވަނީ 111 މެޗު ކުޅެފަ އެވެ. މި ސީޒަނުގައި އާސެނަލުން ނެރެމުން އަންނަ ނަތީޖާތަކުގައި މާޓިނެލީގެ ދައުރު ބޮޑެވެ. ލީގުގައި ގަވައިދުން ކުޅެމުން އަންނަ މާޓިނެލީ ވަނީ ހަތް ގޯލު ޖަހައިފަ އެވެ.

"ގަބީ (މާޓިނެލީ) އަދި އަދިވެސް ވަރަށް ޒުވާން ކުޅުންތެރިއެއް. އެހެންވީ އަދިވެސް މާޓިނެލީގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެކަން އެނގޭ. އަހަރުތަކަކަށް އާސެނަލްގައި މާޓިނެލީ ބަހައްޓަން ނިންމުމަކީ އޭނާ އިތުރަށް ތަރައްގީކުރަން ލިބުނު ފުރުސަތެއް" މާޓިނެލީއާ ގުޅޭގޮތުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.

ކްލަބް ފުޓްބޯޅައިގައި ހޯދި ކުރިއެރުމާ އެކު މާޓިނެލީ އަކީ މިހާރު ބްރެޒިލް ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމުން މާޓިނެލީ އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އޭގެފަހުން މިދިޔަ އަހަރު ފަހުކޮޅު އޮތް ގަތަރު ވޯލްޑް ކަޕްގައި ވާދަކުރި ބްރެޒިލް ޓީމުން މާޓިނެލީ އަށް ފުރުސަތު ލިބުނެވެ. ވޯލްޑް ކަޕް ކުއާޓާ ފައިނަލުން ބްރެޒިލް ކެޓިއިރު ދެ މެޗުގައި މާޓިނެލީ ކުޅުނެވެ.

މާޓިނެލީ ވަނީ 2020 ވަނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމު ކާމިޔާބުކުރިއިރު ކުޅެފަ އެވެ. ސީނިއާ ޓީމުން ފުރުސަތު ލިބުމުގެ ކުރިން ޒުވާން ޓީމަށް މާޓިނެލީ އަށް މެޗު ކުޅުނެވެ.

ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު އެޓީމުން މި ސީޒަނުގައި ދައްކަމުން އަންނަނީ މޮޅު ކުޅުމެކެވެ. މާޓިނެލީގެ އެއްބަސްވުން އާކުރިއިރު ދެންތިބި މުހިއްމު ކުޅުންތެރިންގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ވެސް އާސެނަލުން އަންނަނީ ކުރަމުންނެވެ.