އުމަރު ނަސީރު

ސުވަރުގެ ދެވޭވަރަށް ވެރިކަން ކުރާނަން: އުމަރު

ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގައި އިސްލާމް ދީން އަދާކުރަމުން ގެންދާ ރޯލު ވަރުގަދަކޮށް ވެރިކަމުން ފައިބާވަޑައިގަންނަވާނީ ސުވަރުގެ ދެވޭވަރަށް ވެރިކަން ކުރައްވާފައި ކަމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން "އާ މިސްރާބަކަށް އުމަރު 2023"ގެ ނަމުގައި ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ރާއްޖެ މިހާރު ވަނީ އިސްލާމީ އުސޫލުތަކާއި ދުރުވެފައި ކަމަށެވެ. އަދި މިހާރު ރާއްޖޭގައި އެންމެ ފުރިހަމައަށް ކީރިތި ގުރުއާނަށް އަމަލުނުކުރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީއަތާއި ގުރުއާނުގައިވާ ގޮތަށް އަމަލުކުރައްވާނެ ކަމަށާއި އިސްލާމްދީނުގައިވާ ހުކުމްތައް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ތިބޭފުޅުން ކުރިމަތީގައި އަޅުގަނޑު ހުއްޓި މިއަދު މިހުރީ އަޅުގަނޑު އިސްލާމީ ޝަރީއަތުގައި ހިފާ ގުރުއާނުގައި ހުރިގޮތަށް އަމަލު ކުރާނެ ވާހަކަ ދަންނަވަން. ވެރިކަންކޮށްފައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް،" އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހި ދައުލަތް ހިންގަވާނީ އިސްލާމީ ވެރިއެއް ކަމަށާއި އެ ވެރިޔަކު ވާނީ ދޮގު ނުހައްދަވާ ރާ ނުބެއްލެވުމުގެ އިތުރުން ވައްކަން ނުކުރައްވާ އަދި ޝަހުވަތްތަކުގެ ފަހަތުން ނުދުވާ މީހަކަށް ކަމަށެވެ. އޭރުން އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށް ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"އާމިސްރާބަކަށް ރާއްޖެއިން ކުރާ ދަތުރުގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމް ދީން އަދާކުރަމުން ގެންދާ ރޯލު މުޅިން އެހެން ހަރުފަތަކަށް އަޅުގަނޑު އުފުލާލާނަން. އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށް،" އުމަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ދިވެހި ދައުލަތް ހިންގޭނީ ހީވާގި މުރާލި އަދި 12 ގަޑިއިރު މަސައްކަތް ކުރެވޭވަރުގެ ވެރިއަކަށް ކަމުގައި ވެސް އުމަރު ވިދާޅުވި އެވެ. އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި މިހާރު އޮތް ކޮރަޕްޝަން "ފުނޑާލައި"، ރާއްޖޭގައި ކުރިން ވެރިކަން ކުރި ދެ ސިޔާސީ ޕާޓީއަށް ނުހުއްޓުވުނު މައްސަލަތައް ހުއްޓުވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި ވައްކަން ކުރާ މީހުންނަށް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބު ދޭނެ ކަމަށާއި ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.