މޯލްޑިވިއަން އައިޑޮލްގެ ފިޔަގަނޑު ދިވެހި އެހެން ހުރިހައި ޓީވީ ޝޯތަކަކަށް ވުރެ ބިޔަ އަދި ވަރުގަދަ ފިޔަގަނޑަކަށް ވުމުގެ ސިއްރަކީ މިއީ އެވެ. މި ޝޯގެ އެންމެ ހާއްސަ ކަމަކީ ވެސް މިއީ އެވެ. އެމީހުން ކެމެރާގެ ކުރިމަތިން އަޅުގަނޑުމެންނަށް ގެނެސްދޭ އާދަޔާހިލާފު ހުނަރުވެރިންގެ ވާހަކަތަކާ އެއްވަރަކަށް އެމީހުންގެ ކެމެރާތަކުގެ ފަހަތުގައި ތިބި މީހުންގެ ހުނަރުވެރިކަން ބޮޑުވީމަ އެވެ.
ޝޯއެއް ޝޯއަކަށް ހަދައިދެވޭ ވަރުގެ ޓީމެއް ޕީއެސްއެމް އިން އެކުލަވާލާފައިވާ ކަމާ މެދަކު ސުވާލެއް އުފައްދާނެ ޖާގައެއް ނެތެވެ. ޕްރޮޑަކްޝަން ޓީމުގެ މިފަހަރުގެ ހޮވުން ކަމުގައިވާ 29 އަހަރުގެ އަލީ މަމްދޫހަކީ ވެސް އޭގެ ދިރިހުރި މިސާލެކެވެ.
އެކަމަކު އޭނާ އަކީ ޓީމުގެ ގިނަ ބައިވެރިން ފަދައިން ޕީއެސްއެމް ނުވަތަ ޓީވީއެމްގެ ފުރާޅުގެ ދަށަށް ނިސްބަތްވާ ހުނަރުވެރިއެއް ނޫނެވެ. އެހެންވީމަ މަމްދޫހުގެ އާދަޔާހިލާފު ހުނަރުތަކުގެ ވާހަކައަށް ދިއުމުގެ ކުރިން ޓީވީއެމްގެ މި މެގަ ޕްރޮޖެކްޓުން އޭނާ އަށް ފުރުސަތު ލިބުނު ގޮތާ ބެހޭ ގޮތުން ޝޯގެ ކޯ ޑައިރެކްޓަރެއް ކަމުގައިވާ އަޒޫ ވިދާޅުވާ އެއްޗަކަށް ބަލައިލަމާ ހިނގާށެވެ.
"މަމްދޫހަކީ ޓީވީއެމްގެ މޯލްޑިވިއަން އައިޑޮލް އަށް ހާއްސަކޮށްގެން ސްޓްރީކް ސްޓޫޑިއޯ އިން ހަޔާކޮށްފައިވާ ވީޑިއޯގްރާފަރެއް. އަޅުގަނޑުމެން ބެލިބެލުމުން ޓީމަށް އެންމެ ކަމުދިޔައީ މަމްދޫހު. ދެން އެތަނުގައި އެދުނީ އަޅުގަމޑުމެންގެ މި ޕްރޮޖެކްޓްގައި މަސައްކަތްކުރަން މަމްދޫހު ފޮނުވައިދޭން،" އަޒޫ ވިދާޅުވި އެވެ.
"ދެން މަމްދޫހުގެ މަސައްކަތް ބަލާލިއިރު ވަރަށް ރަނގަޅު. ވަރަށް ހިތްހަމަޖެހޭ ފެންވަރަކަށް މަސައްކަތްކޮށްދޭތީ އަޅުގަނޑުމެން ނިންމީ އޭނާ ބޭނުންކުރަން. އެއަށް ފަހު މޯލްޑިވިއަން އައިޑޮލްގެ ހުރިހާ އޭރިއަލް ވީޑިއޯގްރެފީއެއް ޝޫޓްކޮށްދީފައި ވަނީ މަމްދޫހް."
"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި އޭނާގެ މަސައްކަތާ މެދު. ކިތަންމެ ވައިގަދަޔަސް ކަނޑުގަދަޔަސް މަމްދޫހަކަށް ނޯވޭ މައްސަލައެއް އޭނާ މަސައްކަތްކުރާއިރު."
މިވަރުން ފުދޭނެ ކަމަށް ބަލައި މަމްދޫހު ކިޔަން އޮތް އެއްޗަކަށް ދެން ޖެހިލަމާ ހިނގާށެވެ. އޭނާ އަކީ ވީޑިއޯގްރާފަރެކޭ ބުންޏަސް އަދި އެއަށް ވުރެ ވެސް ބޮޑަށް އާޓިސްޓިކް ބެޖުޖަހައި ޒީނަތްތެރިވެގަނެގެން ހުރި ޒުވާނެކެވެ. އަދި އެންމެ ސަޅި ކަމަކީ މި ހުރިހާ ހުނަރުވެރިކަމެއް ވެސް އޭނާ ފައްކާކުރީ އަމިއްލަ ބުރަ މަސައްކަތާއި ހިތްވަރާއި ޝައުގުވެރިކަމުން ކަމެވެ.
އެހެންވީމަ، މި ވާހަކައެއް ކިޔަމުންދާ ނަމަ އަދި މަމްދޫހު ފަދަ ހުނަރުވެރިޔަކަށް ވުމުގެ ހުވަފެން ދެކޭ ނަމަ އެއްގޮތަކަށް ވެސް ތި ހުވަފެނަކުން ބޭރަށް ނުކުންނާނެ ކަމެއް ނެތެވެ.
އެނގޭ ހެއްޔެވެ؟ މި މަމްދޫހެއް މޮޅީކީ ހަމައެކަނި ވީޑިއޯކުރާކަށް ނޫނެވެ. ނިކަން މޮޅު ކުރެހުންތެރިއެއް ވެސްމެ އެވެ. ލަވަ ވެސް ކިޔަނީ އެވެ. ބޮޑުބެރު ވެސް ޖަހަނީ އެވެ. މިހެން ބުނީމަ މިއީ ކޮން ގްރޫޕަކަށް ނިސްބަތްވާ ކުއްޖެއްތޯ ބައެއް އަންހެން ކުދިންގެ ހިތަށް އަރާފާނެ އެވެ.
އެ ގްރޫޕަކީ ހަބޭސް ބޮޑުބެރު ގްރޫޕެވެ. މިއީ މަމްދޫހެއްގެ ވާހަކަ ހަބޭސްވެގެން އަންނަ ހިސާބެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މިއީ މޯލްޑިވިއަން އައިޑޮލްގެ ސްޓޯރީއެކެވެ. ހަބޭހެއްގެ ވާހަކައެއް އަދި މި މަމްދޫހަކަށް ލިބިފައިވާ އެހެން ހުނަރުތަކެއްގެ ވާހަކަ އެހާ ގަދައަކަށް ދެއްކޭކަށް ނެތެވެ.
އެކަމަކު ވެސް އަދި ދެ ތިން ރޮނގެއް އަޅާލަމާ ހިނގާށެވެ. މަމްދޫހު ކިޔަނީ ކީކޭތޯއޭ ވެސް ބަލައިލަން ޖެހޭނެއެއް ނޫން ހެއްޔެވެ؟
"މަންމަ ވެސް ބުނަނީ އަޅުގަނޑު ނުކުރަހާ ހަނދާނެއް ނުވެޔޭ. ބައްޕަ އަކީ ވަރަށް ގަދަ އަށް ކުރަހާ މީހެއް. ހޭންޑީ ކްރާފްޓް މަސައްކަތަށް ފާހަގަކޮށްލެވޭ ފަރާތެއް. ބައްޕަ އަކީ އެންމެ ބޮޑު އިންސްޕިރޭޝަން ހަގީގަތުގައި. ބައްޕަ ކުރަހާތަން ފެނިގެން އަޅުގަނޑު ވެސް ކުރަހާހިތްވީ،" މޮޅު ކުރެހުންތެރިޔަކަށް ވިގޮތް މަމްދޫހު ކިޔައިދިނީ މިހެންނެވެ.
"ވީޑިއޯގްރެފީ އަށް އިންޓްރެސްޓް ހުރޭ ވަރަށް ކުރިން ވެސް. އެކަމަކު އޭރު ހުންނަނީ މިކަހަލަ މަސައްކަތެއް ކޮށްލާނެ ފުރުސަތެއް ނުލިބިފައި. އެހެން އުޅެނިކޮށް ސްޓްރީޓް ސްޓޫޑިއޯ އިން އަޅުގަނޑަށް ފުރުސަތު ލިބުނީ. އެތަނުގައި ވިޝުއަލް އިފެކްޓްސްގެ މަސައްކަތް، ތްރީޑީ، ހުރިހާ ވައްތަރެއްގެ ފޮޓޯގްރެފީ އަދި ވީޑިއޯގްރެފީ ދެން އޭރިއަލް ވީޑިއޯގްރެފީގެ މަސައްކަތް ވެސް ކުރަން،" ހަބޭސް ބޮޑުބެރު ގްރޫޕްގެ އެއް ފައުންޑާ އަކި މާކެޓިން އާއި ސޯޝަލް މީޑިއާ ކެމްޕޭނުގައި ވެސް އިސްކޮށް އުޅޭ ޒުވާނާ އޭނާގެ ހުނަރުތައް ބަންޑުންކޮށްލީ މިހެންނެވެ.
"ޑާކް ރެއިންގެ ފިލްމެއްގައި ވެސް ހުންނާނެ މަސައްކަތްކޮށްފައި އަދި އޮފީސް ޓެލެޑްރާމާ މުބާރާތްތަކުގައި ވެސް ހުންނާނެ މަސައްކަތްކޮށްފައި."
އަދި މީގެ އެންމެ "ހަބޭސް" ތަންކޮޅަކީ މި ހުރިހާ ކަމެއް ވެސް އޭނާ ގާތްގަނޑަކަށް އަމިއްލަ އަށް ދަސްކުރީމަ އެވެ.
"އެންމެ ފުރަތަމަ ހަމަ ހުރިހާ އެއްޗެއް ވެސް އަމިއްލަ އަށް ދަސްކުރީ. ފުރަތަމަ އެއްވެސް ކޯހެއް ނަހަދާ ގްރެފިކްސް ސޮފްޓްވެއާތައް ދަސްކުރީ ބޭނުންކުރާނެ ގޮތް. ފޮޓޯޝޮޕާއި އިލުސްޓްރޭޓާ އާފްޓާ އިފެކްޓްސް ފަދަ ސޮފްޓްވެއާތައް. އެއީ ވެބްޑިޒައިނިން ކޯހެއްގެ ތެރޭގައި އުޅެމުން ދަސްކުރީ މި ހުރިހާ ކަމެއް،" މަމްދޫހު ކިޔައިދިނެވެ.
"މިހާރު މި ދަސްކުރަނީ ސޮފްޓްވެއާ އިންޖިނިއަރިން."
އޯކޭއެކެވެ. އެންމެ ރަނގަޅެވެ. މިހައި ހިސާބުން މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާގެ ވާހަކަ އަށް އެނބުރި ގަންނަމާ ހިނގާށެވެ.
އޭގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ކޮބައި ހެއްޔެވެ؟
"އެންމެ ހިތްހަމަޖެހެނީ މާލޭގެ އިންޓްރޯގައި ދައްކާ އޭރިއަލް ޝޮޓް. އެއީ ހަމަ އެއް ފަހަރުން ނަގާފައި ހުރި ޝޮޓެއް. އާންމުކޮށް މި މަސައްކަތުގައި ދިމައެއް ނުވޭ އުނދަގޫ ނުވަތަ ގިނައިން ޖައްސަން ޖެހުނު ޝޮޓެއް. އެގޮތަށް އެއް ފަހަރަށް ވުރެ ގިނައިން އެއް ޝޮޓެއް ޝޫޓްކޮށްފައި ހުންނާނީ ވެސް އޭގައި ފެންނަ ބައެއްގެ ކޮންމެވެސް މައްސަލައެއް ދިމާވެގެން. ޝޮޓް އިންނާނީ ރަނގަޅަށް ގިނަ ފަހަރު،" މަމްދޫހު ބުންޏެވެ.
"މިހާ ބޮޑު ޕްރޮޖެކްޓެއްގައި ވޯކްކޮށްލަން ލިބުނީމަ ވަރަށް އުފާވޭ އަސްލު. ވަރަށް ބައިވަރު ތަޖުރިބާތަކެއް ލިބޭ މިއިން. އަނެއްކޮޅުން ވަރަށް ބައިވަރު ތަންތަނަށް ދެވިފަ އެގޮތަށް ވަރަށް ރަނގަޅު. އަނެއްކޮޅުން ޓީވީއެމް ކަހަލަ ތަޖުރިބާކާރު އެތައް ބަޔަކު މަސައްކަތްކުރާ ތަނެއްގެ ޓީމަކާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އުފާކުރާކަމެއް."