ދުނިޔެ

"ހަމަނުޖެހުންތައް ހައްލުކުރަން އދ. ނުކުޅެދިއްޖެ"

އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ފައިސަލް ފާއިޒް ވިދާޅުވި ގޮތުގައި ދުނިޔޭގައި ހިނގާ އިސްތިއުމާރީ ހަމަނުޖެހުންތަކާއި ދޭދޭ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމުގައި އދ. މިހާ ބޮޑަށް ފޭލިވެފައި އޮތް ޒަމާނެއް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ދުނިޔެވީ ކާރިސާތަކުގައި ބިކަވާ މީހުންނަށް އަޅާލުމަކީ ވެސް އދ. އަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީންގެ ބިންތަކަށް އަރައިގަނެ ހިތުހުރިހައި ގޮތެެއް ހަދަމުން ގެންދާއިރު -- ބަޔާނެއް ނެރުމުގެ އިތުރުން އެއްވެސް ކަމެއް -- އދ. އަށް ކުރެވޭ ކަމަށް ނުވާ ކަމަށްވެސް ފާއިޒް ވިދާޅުވި އެވެ.

އދ.ގެ ދައުރު ފުރިހަމައަށް އަދާކުރުމަކީ ބައިނަލްއަގްވާމީ ގޮތުން ގައުމުތައް ބަލައިގަންނަ ޖަމިއްޔާއަކަށް ލާޒިމު ކަމެއް ކަމަށްވެސް ފާއިޒް ވިދާޅުވި އެވެ.

އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އދ.ގެ ދައުރާއި އަދި އެ ޖަމިއްޔާ އުފެދުނު ލަނޑުދަނޑިތަކާ ބެހޭ ގޮތުން ބޭއްވި ވޯކްޝޮޕެއްގަ އެވެ.

އުރުދުންގެ ނޫސްތަކުން ބުނާ ގޮތުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް މައުލޫމާތު ދެއްވަމުން ބައިނަލްއަގްވާމީ ގުނަވަންތަކަށް ފާއިޒު އަލިއަޅުއްވާލެއްވެވި އެވެ.

ފާއިޒް ވިދާޅުވީ ފަލަސްތީންގެ ބިންތަކަށް އިޒްރޭލު ސިފައިން އަރައިގަތުމާއި ބިންތައް ފޭރުމަކީ ވެސް އދ. އަށް ހައްލު ހޯދަން ދަތި ކަންކަން ކަމަށެވެ.

ފަލަސްތީންގެ އާންމުންނާ މެދު އިޒްރޭލު ސިފައިން މުއާމަލާތް ކުރާ ގޮތާއި ހިންގަމުން ގެންދާ ޖަރީމާތަކަށް ހައްލެއް އޮތް ކަމަށް އދ. އަށް ބުނަން ދަތި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފާއިޒު ވިދާޅުވީ ސީރިއާ އާއި ޔަމަން އަދި ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުން ތަކަށާއި އެ ގައުމުތަކުގައި އަސްލެއް ނެތި އުފަންވެފައި އޮތް ސިޔާސީ މައްސަލަތައް ނިމުމަކަށް ގެނައުމަށް އދ. ނުކުޅެދިފައިވާ ކަމަށެވެ.

ސަރަޙައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި މިނިވަންކަމާއި ރައްކާތެރިކަމާ އެކު ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށް ދިނުމުގައި އދ. އަށް މިއަށް ވުރެ ހަރުދަނާ ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ފާއިޒް ވަނީ ވިދާޅުވެފަ އެވެ.