އުރުދުން އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމާ މެދު އުފާކުރައްވާ ކަމަށް އުރުދުންގެ އަބްދުﷲ ރަސްގެފާން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންއާ ބައްދަލުކުރައްވައި އަބްދުﷲ ރަސްގެފާން ވިދާޅުވީ އިޒްރޭލާއި ފަލަސްތީނާ ދެމެދު މަޝްވަރާތައް ފެށުމަށްޓަކައި އެމެރިކާ އަށާއި އުރުދުންނަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިޒްލޭލުން ޖަހައިގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީންގެ އާންމުންނަށް އެ މީހުންގެ އަމިއްލަ ބިން ވަނީ ބިރުވެރި ނާމާން ތަނަކަށް ވެފަ އެވެ.
އދ. އާއި ޔޫރަޕިއަން ޔޫނިއަން ފަދަ، ދުނިޔޭގެ މަސްލަހަތު ބެލެހެއްޓިދާނެ ކަމަށް ބުނެ ބާރުތައް ނަގައިގެން އުޅޭ ޖަމިއްޔާތަކަށް ވެސް އިޒްރޭލު ހުއްޓުވުން ލާހިކު ކަމަށް އޮތީ ނުވެފަ އެވެ.
އަނެއްކޮޅުން އިޒްރޭލު ސިފައިން ހިންގާ ޖަރީމާތަކަށް ލޯމަރައިގެން އޮތް އެމެރިކާ ވެސް ވަނީ އިޒްރޭލު ހުއްޓުވުމަށް ނުކުޅެދިފަ އެވެ.
އިޒްރޭލުގެ ޖަރީމާތައް ހައްދުން ނައްޓާ ކޮންމެ ފަހަރަކު، އިޒްރޭލާ ދެކޮޅަށް އެއްޗެއް ބުނެފާނެ ކަމަށް ބެލެވޭ ގައުމަކަށް އެމެރިކާގެ ވަޒީރަކު ވަޑައިގެން ބިރުދެއްކެވުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެމެރިކާ އިން ކުރާތީ ނުފެނެ އެވެ.
ލޮއިޑް އޮސްޓިން އުރުދުންއަށް ވަޑައިގެން މި އުޅުއްވަނީ ވެސް މި ދެންނެވި ކަހަލަ ދަތުރެއްގަ އެވެ.
އިޒްރޭލް-ފަލަސްތީން މަޝްވަރާތައް ބަޔަކު ހަމަޖައްސާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ. އެމެރިކާ އާއި އުރުދުން އިން ކިތަންމެ ތާރީޚެއް ކަނޑައަޅައި ތާވަލްކުރި ނަމަވެސް އިޒްރޭލު ގަބޫލު ނޫން ކަމެއްގައި އެކަމެއް އޮންނަނީ ނުވެފަ އެވެ.
އަބްދުﷲ ރަސްގެފާން ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށްޓަކައި އެމެރިކާގެ ޝާމިލްވުން މުހިންމެވެ. ދުނިޔޭގެ ހައިސިއްޔަތުގައި އެމެރިކާ އޮތް މަގާމުގެ ގޮތުން އިޒްރޭލަށް ނުފޫޒު ފޯރުވުމަކީ ވެސް އެމެރިކާއަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރަސްގެފާން، ލޮއިޑް އޮސްޓިންއަށް ދެންނެވި އެވެ.