ދުނިޔެ

އުރުދުންގެ އަބްދުﷲ ރަސްގެފާނުގެ އަމުރަށް ފަލަސްތީނަށް އެހީ ފޮނުވަނީ

ފަލަސްތީނަށް ކާބޯ ތަކެއްޗާއި ބޭސް ފަރުވާ ލަސްނުކޮށް ފޮނުވުމަށް އުރުދުންގެ ޢަބްދުﷲ ރަސްގެފާން އަމުރުކުރައްވައިފި އެވެ.

އުރުދުންއިން ފަލަސްތީނަށް އެހީ ފޮނުވެން އޮތީ، މިހާރުގެ ހާލަތު އޮތް ގޮތުން މިސްރުގެ ތެރެއިން -- މިސްރުގެ އެއްބާރުލުމާ އެކު ރަފާ ބޯޑަރު ހުރަހުންނެވެ.

އުރުދުންގެ ޝާއީ ގަނޑުވަރުން ނެރުނު ބަޔާނެއް ބުނާ ގޮތުން ފަލަސްތީނަށް އެހީ ފޮނުވުމަށް މިސްރު ސަރުކާރުން ހުރިހާ ހުއްދައެއް އޮތީ ލިބިފަ އެވެ. އަދި ފަލަސްތީނަށް އެހީ ފޮނުވަން މިސްރު ވެސް ބައިވެރިވާނެ އެވެ.

ފަލަސްތީންގެ އަވަށްތަކަށް ބޭނުންޖެހޭ އެންމެހައި ކަމެއް ބެލުމަށް ވެސް ރަސްގެފާނު ވަނީ އޮފިސަރުންނަށް އަމުރުކުރައްވާފަ އެވެ.

މިއަދު އެންމެ މުހިންމު ކަމަކީ ފަލަސްތީނަށް އެހީވުން ކަމަށް ޢަބްދުﷲ ރަސްގެފާން ވިދާޅުވި އެވެ. ފަލަސްތީނަށް ފޮނުވާ އެހީ ބެހެވިގެން ދާ ގޮތް އަކުރުން އަކުރަށް ގަނޑުވަރަށް އެންގުމަށް ވެސް ޝާހީ ބަޔާނުގައި ބުނެފައިވެ އެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން މިދިއަ ހޮނިހިރު ދުވަހު ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކަށް ބަދަލުހިފުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތީ ގަދަ އަޑަކުން އަމުރުކުރައްވާ ފައެވެ.

ފަލަސްތީންގައި ތިބީ އިންސާނުންގެ ސިފާގައި ތިބި ޖަނަވާރުން ކަމަށާއި ޖަނަވާރުންނާ މެދު އަމަލުކުރަން އޮންނަ ގޮތަށް އެ މީހުންނާ މެދު ކަންކުރުމަށް ޔަހޫދީ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހަމާސް ގޮވާލަނީ ހަނގުރާމަ ކުރުަމަށެވެ. އެހެންކަމުން ޔަހޫދީ އަސްކަރިއްޔާއިން ހަމާސްއާ ރަނގަޅަށް ހަނގުރާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުން ހަމާސްއިން މިފަހަރު ދިން ހަމަލާގެ ސަބަބުން ޣައްޒާގެ ތެރެއިން ބައެއް ޔަހޫދީ ދައުލަތަށް ނެތުމަކީ ވެސް އެކަށީގެންވާ ކަމެވެ.

ޣައްޒާއަށް ޔަހޫދީ ސިފައިން އަރައިގެންފި ނަމަ -- އެ މީހުން އެ ސަރަހައްދުން މިއިން ދުވަހަކުވެސް ނުފައިބާނެ ކަމަށް ވެސް ތަޖުރިިބާކާރުން ވިދާޅުވި އެވެ.

ޔަހޫދީ އާބާދީތަކަށް ހަމާސްއިން މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ޔަހޫދީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މި ހަނގުރާމާގައި ޣައްޒާއަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.