އިލެކްޝަންސް ކޮމިޝަން

"ސިމެދާ" ޕޯޓަލްއާ އެކު މެމްބާޝިޕް ފޯމު ބަލައިގަތުން ލުއިވާނެ

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ މެމްބާޝިޕް ފޯމު ޕްރޮސެސް ކުރުމަށް "ސިމެދާ"ގެ ނަމުގައި ޕޯޓަލްއެއް ހަދައި ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.

"ސިމެދާ" އާއި ގުޅޭ ގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މި ޕޯޓަލްގެ ޒަރިއްޔާއިން ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރުކުރުމަށްޓަކައި ޕާޓީތަކުން މިހާރު އީސީއަށް ގެންނަ ކަރުދާސް ފޯމުތައް އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

"މި ޕޯޓަލްއާއެކު ޕާޓީތަކުން ދެން ފޯމުތަކުގެ ހާޑަ ކޮޕީ ހިފައިގެން އީސީއަށް އަންނާކަށް ނުޖެހޭނެ. ހަމަ ހުރިހާ ތަނެއް ފުރާލާފައި ޕޯޓަލްއަށް އަޕްލޯޑް ކޮށްލީމަ އަޅުގަނޑުމެން ފޯމުތައް ބަލައިގަނެ ޗެކް ކުރާނަން،" ހަބީބް ވިދާޅުވި އެވެ.

މި އޮންލައިން ޕޯޓަލްއާއިއެކު އިލެކްޝަންސް ކޮމިޝަނަށާއި ސިޔާސީ ޕާޓީތަކުގެ މަސައްކަތަށް ވެސް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ. އަދި ޕޯޓަލް ތައާރަފުކުރުމަށް ފަހުގައިވެސް ފޯމުތައް ޗެކް ކުރުމުގެ ޕްރޮސެސްއަށް ބަދަލެއް ނާންނާނެކަން ހަބީބް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ބައެއް މީހުންނަށް ނޭނގި އެ މީހުން މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރާކަމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ޝަކުވާ އެންމެ މަދު ޕާޓީއަކީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމުގައިވެސް ވިދާޅުވި އެވެ.

އީސީއިން "ސިމެދާ" ޕޯޓަލް ތައާރަފުކުރުމަށް ތައްޔާރުވުމުގެ ގޮތުން މި ޕޯޓަލްއަށް ސިޔާސީ ޕާޓީތައް އަހުލުވެރިކުރުމަށްޓަކައި އިއްޔެ ވަނީ މަސައްކަތު ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.