ކުޅިވަރު

އެވަޓަން އަތުން ބަލިވެ އާސެނަލް ޕްރެޝަރަށް ވެއްޓިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު، ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ވާދަކޮށް އެވަޓަން 0-1 އިން މޮޅުވެއްޖެ އެވެ.

މެޗަށް ނުކުތްއިރު އެވަޓަން އޮތީ ލީގުގެ ފުލުން ދެވަނައިގަ އެވެ. ފްރޭންކް ލަމްޕާޑުގެ ކޯޗުކަމުގައި ނަތީޖާތައް މާބޮޑަށް ދަށްވުމުން އެވަޓަން އިން ވަނީ ލަމްޕާޑް ވަކިކޮށް ކޯޗުކަމަށް ސީން ޑައިޝް ހަމަޖައްސައިފަ އެވެ. ޑައިޝްގެ ފުރަތަމަ މެޗުގައި މިއަދު އާސެނަލާ ދެކޮޅަށް އެވަޓަން މޮޅު ކުޅުމެއް ދެއްކި އެވެ.

މޮޅާ އެކު 18 ޕޮއިންޓް ހޯދައި އެވަޓަން ވަނީ 17 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެވަޓަން އަތުން ބަލިވުމުން އެއްވަނައިގެ ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތު އާސެނަލަށް ގެއްލުނީ އެވެ. އެޓީމަށް 50 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ސިޓީ މާދަމާ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލަށް އެވަޓަން އިން އަށް ހަމަލާ ފޮނުވާލި އެވެ. ފުރަތަމަ ހާފުގައި އެވަޓަން އަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެކަމަކު މެޗުގެ 60 ވަނަ މިނެޓުގައި އެވަޓަން އިން ނެގި ކޯނަރެއްގައި ބޮލުން ޖޭމްސް ޓާކޯސްކީ ވަނީ ލީޑު ނަގައިދީފަ އެވެ.

އެވަޓަން އިން ލީޑު ނެގުމުން އާސެނަލުން ވަނީ ކުރިއަށް ޖެހި އެވަޓަން އަށް ޕްރެޝަރުކޮށްފަ އެވެ. މި ހާފުގައި ކޯޗު މިކޭލް އާޓެޓާ ވަނީ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޗެލްސީ އިން އެޓީމާ ގުޅުނު ޖޯޖީނިއޯ ކުޅެން އަރުވައިފަ އެވެ. ބަދަލާ އެކު ވެސް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް އާސެނަލަށް ތަނަވަހެއް ނުކުރެވުނެވެ.

އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވުމަށް އެވަޓަން ދަނޑުގައި ކުޅުނު ތިން މެޗުން ވެސް އާސެނަލް ވަނީ ބަލިވެފަ އެވެ. މިއީ ޕްރިމިއާ ލީގު ފެށިފަހުން އަމިއްލަ ދަނޑުގައި އެވަޓަން އިން އާސެނަލްގެ މައްޗަށް ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިން މޮޅު ލިބުނު ފުރަތަމަ ފަހަރެވެ.